ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބުކުރުމަށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަށް ދިއުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދިއުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކުރައްވައިފައެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެ ނިޒާމު ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއްވެސް ފަށައިފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލާ ނިންމައި، ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށެވެ.

"ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ނިންމައި، ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑުވެސް ދެކެން،" ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެކުރިންވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން ޕްރިފެރެންޝަލް ނިޒާމަކަށް އަމަލުކުރަން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވަނީ ވިދާޅުވެފައެވެ.

"އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް ވިދާޅުވިއެވެ.