އޮސްޓްރޭލިއާގެ އައްސޭރިފަށަށް ރާޅު އަރައި ފަސް މީހަކު މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ނިއުސައުތު ވޭލްސް އާއި ވިކްޓޯރިއާ ސްޓޭޓުގެ އައްސޭރިފަށަށް ބޮޑެތި ރާޅު އަރާފައިވާ އިރު، މިހާތަނަށް ދެ މީހަކު ގެއްލިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހޮނިހިރު ދުވަހު ހިނގި އެ ހާދިސާއަށްފަހު ނިއުސައުތު ވޭލްސްގެ ދެކުނުން އޮންނަ ޓަތޫރާ ސަރަހައްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، އެ ސަރަހައްދުން މަސްވެރިއެއްގެ އިތުރުން އިތުރު ދެމީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނަ އިރު، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައި ވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އޮސްޓްރޭލިއާއަށް ރާޅު އަރަމުންދާ ދުވަސްވަރާއި އަރާ މިންވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަަނަށް ހޯދިފައިވާ މައުލޫމާތުތަކުން ވޭތުވެދިޔަ 10 އަހަރު ތެރޭ އޮސްޓްރޭލިއަށް ރާޅު އެރުމުގެ ހާދިސާތަކުގައި 630 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.