ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މިއަދު މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފް މީޑިޔާ ގްރޫޕުގައި އިއްޔެ ބުނީ އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އެ ހިނގާލުން ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ ޖުމުލަ ފަސް ސަރަހައްދެއްގައި ސިފަންގެ ލަޝްކަރު މަޑުކުރާގޮތަށެވެ.

މިއަދު ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ސިފައިންގެ ލަޝްކަރު، ރައީސް އޮފީސް ކުރިމަތި، އަމީރުއަހުމަދުމަގު، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗަށް މަޑުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިންގެ ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކުވައިދޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.