އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:23 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ އެހީތެރިކަމާއެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާ ވެއްޓުނީ އިމާރާތުގެ ކިހާ އުސްމިނަކުން ކަމެއް އަދި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ވެއްޓިފައި އޮއްވައި ފެނުނީ 21 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުރާޅުމައްޗަށް އެ މީހާ ވެއްޓިފައި އޮންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ، އެފަދަ ފޮޓޯތަކާއި މަންޒަރުތައް އާންމު ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.