ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ރައީސް ޑރ. މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާ، ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި އާއިލާއަށް އަރިސްކުރައްވައިފައެވެ.
"ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން. ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އަތޮޅުތެރޭގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް ގެންދަވަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިއްހީ ބައެއް މަރުކަޒުތައް ހޮސްޕިޓަލު ފެންވަރަށް ތަރައްގީކޮށް، ބައެއް ރީޖަނަލް ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އަތޮޅުތެރޭގެ ހަތަރު ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގދ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
ރައީސް ވަނީ ވަކި ދާއިރާތަކަށް ހާއްސަ ހޮސްޕިޓާއް ތަރައްގީކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރެއިން އައިޖީއެމްއެޗާ އިންވެގެން އިމާރާތްކުރާ 25 ބުރީގެ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހީގައެވެ.
އޭގެ އިތުރުން ރައީސް ވައުދުވެވަޑައިގެންފައިވާ ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށް މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންނަނީ ދިވެހި ޑޮކްޓަރުންނަށް ފުރުސަތު ހޯދައިދިނުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. ސިއްހީ ހިދުމަތުގައި މަސައްކަތްކުރުމަށްފަހު، ދާއިރާއާ ދުރަށްދިޔަ ސިއްހީ ހިދުމަތްތެރީންނަށް ސިއްހީ ދާއިރާގައި އަލުން މަސައްކަތްކުރުމަށް ފުރުސަތު ތަނަވަސްކޮށްދިން އިރު، ތައުލީމު ހާސިލުކުރާ ދިވެހި ޑޮކްޓަރުންނަށް ރާއްޖޭގެ ހޮސްޕިޓަލުތަކުންނާއި ބޭރުގެ ހޮސްޕިޓަލުތަކުން އިންޓާންޝިޕްގެ ފުރުސަތު ހޯދައިދިނުމަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު