ގައުމީ ފެންވަރުގައި އަޟްހާ އީދު (ބޮޑު އީދު) ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ބޮޑު އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އެ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތް ކަމަށެވެ.
ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނީ އެ މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ބޭނުންވާނަމަ އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް އެދޭ ކަމަށާއި އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށެވެ.
އެކަމުގައި މިނިސްޓްރީގެ ފަރާތުން ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދު (ފޯނު ނަންބަރު 7930101) ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
"ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު"ގައި ބުނާގޮތުގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާ މަގުސަދަކީ، ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމުގައި ދިވެހީންގެ އަމިއްލަވަންތަ ގޮތްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި އިސްލާމީ ރިވެތި އާދަކާދައާއި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށެއްގައި ވެސް އެއް އުސޫލަކުން ވީހާވެސް ކުލަގަދަގޮތެއްގައި އީދުގެ ހަރަކާތްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމެވެ.
އުސޫލުގައި ބުނާގޮތުން، އީދުގެ ހަރަކާތްތައް ރާވައި ހިންގަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަދި އީދުގެ ހުރިހާ ހަރަކާތްތަކެއްގެ ފަންނީ އަދި އެހެނިހެން އެންމެހައި އިންތިޒާމުތަކެއް ކައުންސިލުން ހަމަޖައްސާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް މިނިސްޓްރީން މާލީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެ އަހަރެއްގެ އީދުގެ ހަރަކާތްތަކާއި އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ފިޔަވައި، އިތުރު ކަމަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އެ އުސޫލުގައި އީދު ހަރަކާތްތަކުގެ ތެރޭގައި ކޮންމެހެން ހިމަނަން ޖެހޭ ހަރަކާތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ މަދުވެގެން ހަތަރު ދުވަހަށް ބަހާލައިގެން، ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެޔަކު ވެސް ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނާން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ދިވެހި ސަގާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން އީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ވަކި ހަރަކާތްތަކަކާއި ކުޅިވަރުތަކެއް ކޮންމެހެން ހިމަނަންވާނެ ކަމަށް އުސޫލުގައިވެއެވެ.
ކޮންމެ އަހަރަކު ވެސް ރަށްތައް ކަނޑައަޅައިގެން ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރެވެ.
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު