ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖައްސައިފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ފައިސަލް ހަމަޖެއްސުމަށް ނިންމާފައިވަނީ މިރޭ ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ފައިސަލްއަކީ ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފައިވެއެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން ކުރައްވައި، އެ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.
އޭގެ ފަހުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ފައިސަލް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި 24 ގައެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މިދިޔަ މަހުގެ 19 ގައި އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމު ހުސްވުމުން ވަގުތީގޮތުން ހައިކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް ފަނޑިޔާރު ފައިސަލެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު