ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ތިން ދުވަހުގެ މަސް ރޭސް "ބުރުނު ބޮމަ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް މެރީނާ ބޭ ކްރޮސްރޯޑުގައި ބާއްވާ އެ މަސް ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ވަރުގަދަ އެންގްލަރުން ފެނިގެންދާނެ ކަމަށެވެ.
އެ މުބާރާތުގައި ރާއްޖޭގެ ގްލޯބަލް ސްޕޯޓް ފިޝިން އެމްބެސެޑަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފްލައި ނަވާރޯ ފެނިގެންދާނެކަން ފާހަގަކޮށްލެވޭ ކަމަށް ދިރާގުން ބުންޏެވެ.
މުނިފޫހިފިލުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު ބާއްވާ އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ތަފާތު ހަރަކާތަކަށް ކަމަށާއި އަދި މިއީ ކުޅިވަރުގެ މަސްވެރިކަމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް ކްލަބަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ރަސްމީ ރެކްރިއޭޝަނަލް ކްލަބެވެ. އެ ކްލަބުގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން، ބުރުނު ބޮމަ ވެގެންދާނީ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ދިރާގުން ދެކެއެވެ.
ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް، ދެމެހެއްޓިނިވި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ބައިވެރިވެ، މިފަދަ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު