ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ނެރެވޭނީ 01 ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާ މެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސް، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ރާއްޖޭގެ ރައީސަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ.

ރައީސްގެ ޕޯލުގެ ނަތީޖާއިން ދެއްކިގޮތުގައި ގިނަ މީހުން ބޭނުންވީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަަށެވެ. ދެވަނައަށް އެންމެ ގިނަ މީހުން ބޭނުންވީ މިއަދު ނިންމާފައިވާ ގޮތަށް 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށެވެ.

ޕޯލުގެ ނަތީޖާ އެގޮތަށް ދެއްކި ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ 01 ޖެނުއަރީ 2007 ވަނަ އަހަރުން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

"ރައްޔިތުންނާއެކު" މިއަދުގެ ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާބާދީގެ 30 ޕަސަންޓަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ކަމަށެވެ. އެ އާބާދީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެ ނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރަނގަޅު ނަތީޖާއެެއް ނުކުންނަން އަޅުގަނޑު ބޭނުން މިކަމުން. އަޅުގަނޑުމެން މިކަމުގެ ގާނޫނު ހަދައިގެން ތަންފީޒުކުރަން އުޅެގެން މި މަޖުބޫރުކަން، މަޖުބޫރުކަމެއްގެ ތެރޭގަ މިކަން ކުރަން އުޅޭއިރުގަ ނަތީޖާ ރަނގަޅުނުވެއްޖެއްޔާ ރަނގަޅެއް ނުވާނެނުންތޯ. ކުރަން އުޅޭކަމެއް ހާސިލެއް ނުވޭ. އަޅުގަނޑުގެ މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން. އެންމެންވެސް ވަކި އުމުރެެއް ނޫން، އެންމެންވެސް ދުރުކުރުން. އެކަމަކު މި ނަތީޖާއާ ހަމައަށް ދާން ބޭނުންވާ ކަމަށްވަންޏާ އެކަން އެންމެ ބޮޑަށް ހާސިލުވެވޭނެ ގޮތެއް އަޅުގަނޑަށް ފެނުނީ ދެވަނައަށް އެންމެ ގިނަ މީހުން މި ވޯޓުދިން އުމުރަށްދާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު އަމިއްލަފުޅަށްވެސް ބައެއް ޒުވާނުންނަށް ސުވާލުކުރުމުންވެސް އެ ޒުވާނުންވެސް ތާއިދު ކުރެއްވީ 2007 ގައި އުފަންވި ކުދިންނުން ފެށިގެން ދުންފަތް މަނާކުރަން ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ތެރެއިން ތާއީދުކުރި ގޮތަށް އިހުތިރާމު ނުކުރީކީ ނޫން އިނގޭތޯ. އަޅުގަނޑު ވަރަށް އިހުތިރާމު ކުރަން. އަދި ވަރަށް އުފާވި އެތައްހާސް ރައްޔިތުންނެއް މި ޕޯލްގަ ބައިވެރިވީމަ ވެސް. މި އުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރުކުރަން. ކަމެއް މަޖުބޫރުކުރަން ބަލާއިރު ބަލަން ޖެހޭނެ އޭގެ ސަބަބަކުން ބަޔަކަށް އުނދަގޫ ނުވާނެ ގޮތަކަށް އެކަން ކުރުން. އޭގެ އެންމެ ޕްރެޓިކަލް ގޮތް، އަމަލީ ގޮތުން ކުރެވޭ ވަރު ކަމެއް ކުރުން،“ ރައީސް ވިދާޅުވިއެވެ.