އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއިން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގަައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ ވެގެން ގޮސްފައި ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވާން އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް މުހިއްމު މޮޅަކަށެވެ.

ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ އިރު، ނިއުކާސަލްއިން ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމުން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު 32 މެޗުން އެޓީމު 59 ޕޮއިންޓް ހޯދާފައިވާ އިރު، މިވަގުތު ހަތަރު ވަނައިގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ.

ފޮރެސްޓަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވެއެވެ. ޗެލްސީން ގަދަ ފަހަކަށް ވާދަކުރަމުން އަންނައިރު، އެޓީމު ހަވަނައިގައި އޮތީ 32 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެސްޓަން ވިލާ ހަތްވަނައިގައި އޮތީ 32 މެޗުން 54 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައިވެސް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ފެނިގެން ގޮސްފައެއް ނުވެއެވެ. އޭނާއަށް ނިއުމޯނިއާ ޖެހި ފަރުވާ ދެމުން އަންނަ އިރު، ނިއުކާސަލް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފައެވެ.

ޖޭކޮބް މާފީ މެޗުގެ ލީޑު ނެގި އިރު، ނިއުކާސަލްގެ ދެވަނަ ގޯލަކީ މާކް ގުއޭހީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ހާފު ނިމެން ދަނިކޮށް ތިންވަނަ ގޯލެއް ޖެހީ ހާވީ ބާންސް އެވެ.

ކްރިސްޓަލް ޕެލެސްއަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެބެރެޗީ އެޒޭ އަތުން އެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ދެވަނަ ހާފަށް ނުކުމެ ނިއުކާސަލް ފެނުނީ ތަފާތު ފޯމެއްގައެވެ. އެޓީމުގެ ފަބިއަން ޝާއާއި އެލެކްސެންޑްރާ އިސާކް ޖެހި ގޯލުތަކުން ތަފާތު ބޮޑު މޮޅެއް ޔަގީންކުރިއެވެ.