ބ. ކެންދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް މިއަދު އާ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ރަށަަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ހަލާކުވެ، އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަރާ ހަމައަށް އެ ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެންދޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ ކަރަންޓު ދިނުމަށް ބޭނުންކުރާ 400 ކިލޯވޯޓުގެ ދެ ޖަނަރޭޓަރާއި 250 ކިލޯވޯޓުގެ ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯވޯޓުގެ އެއް ޖަނަރޭޓަރު ސެޓަށް އަޑީތެލާއި ފެން އެއްވާ މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ޓެކްނިކަލް ޓީމެއް އެ ރަށަށް ގޮސް އެ ޖެންސެޓް އޯވަހޯލްކޮށް ހިންގަން ފެށިތާ 15 ދުވަސް ފަހުން، ޖެންސެޓަށް އިތުރު މައްސަލަތަކެއް ޖެހި ޖެންސެޓް ނިއްވާލަން ޖެހުނު ކަމަށް ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
ފެނަކައިން ބުނީ، އެ ޖެންސެޓު ނިއްވާލަން ޖެހުމުން ބާކީ ހުރި ދެ ޖެންސެޓުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ، ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށެވެ. އަދި ވަގުތީ ހައްލެއް ހޯދައި ރޭ 1:15 ހާއިރު އަލުން ކަރަންޓު ދީފައިވާ ކަމަށް ބުންޏެވެ.
ފެނަކައިން ބުނީ ކެންދޫގެ ކަރަންޓުގެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި އެ ރަށަށް 400 ކިލޯވޯޓުގެ އާ ޖެންސެޓެއް ފޮނުވާނެ ކަމަށެވެ. އަދި ދެ ދުވަސް ތެރޭގައި އެ ޖެންސެޓު އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ކެންދޫން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ