ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައީ ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ކައުންސިލުތައް ވަންނަ ވަނުން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކެންދުއަށް ވަޑައިގެން، ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު އެހެން ވިދާޅުވެފަނީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލުތަކެއް އަފައްދަމުން ގެންދިއުމުންނެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުން ރައްޔިތުންނަށް ފައިދާ ނުވާނެ ފަދަ ގޮތަކަށް ފައިސާ ބޭނުންކޮށްގެން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށާއި ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުމަކީ ނުގަވާއިދުން ފައިސާ ބޭނުންކުރަން އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ލޯކަލް އޮތޯރިޓީ ކުންފުނިތައް ކައުންސިލުތަކުން ހަދައިގެން، ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް އާންމުން ކުރަމުންދާ ވިޔަފާރިތަކަށް އެ ކުންފުނިތަކުން ވަންނަ ވަނުން ހުއްޓުވަން ވެގެން މިއުޅެނީ، ރައްޔިތުން ބާރުވެރިކުރަން. ކިހިނެއް މިވަނީ، ލޯކަލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނީމާ ރައްޔިތުންނަށް ވާނީ ކިހިނެއް، ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނު ބަދަލުކުރަނީ އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުގެ ކުންފުނި، ލޯކަލް އޮތޯރިޓީ ކުންފުނި ނުވަންނަ ގޮތަށް ކަމަށާއި ކައުންސިލުތަކުގެ ކުންފުނިތަކުން ކުރާނީ އެއަށްވުރެ ފުޅާ، ބޮޑެތި ވިޔަފާރިތައް ކަމަށެވެ. އަދި ގެނައި އިސްލާހަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އާންމު ރައްޔިތުންގެ ސްމޯލް، މީޑިއަމް ކުންފުނިތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލުގެ ކުންފުނިތަކުން ނޫނީ ލޯކަލް އޮތޯރިޓީ ކުންފުނިން ނުވަންނާށޭ މި އިސްލާހުގައި މި ދަންނަވަނީ، އިހަށްދުވަހު މަޖިލީހުން ފާސްކުރި އިސްލާހުގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން ކަމަށާއި އެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު