އެމްޑަބްލިޔުއެސްސީން ބ. ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ މިއަދު ކެންދުއަށް ވަޑައިގެންފައެވެ.

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެ މަޝްރޫއުގެ ދަށުން، ކެންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅައިފައެވެ.

އޭގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމުކޮށް، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައި، ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 56.61 މިލިއަން ރުފިޔާއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.