ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓިކްޓޮކްގެ އިސް ވަފުދަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ ޓިކްޓޮކާ ގުޅިގެން ރާއްޖެއަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވަފުދުގެ މީހުންނާއެކު މަޝްވަރާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ޓިކްޓޮކްގެ ވަފުދުން ވަނީ ރައީސްގެ ތަސައްވަރާ އެއްގޮތަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ދެފަރާތުންވެސް ވަނީ ކުރިމަގުގައި ގުޅިގެން މަސައްކަތް ކުރެެވޭނެކަމުގެ އިޝާރަތްތަކެއް ދީފައި،" ރައީސް އޮފީހުން ބުންޏެވެ.

ޓިކްޓޮކްގެ އެ ވަފުދުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވައިފައެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގުތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ޓިކްޓޮކުން ފައިސާ ހޯދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.