ނ. ލަންދޫ މާބަދިގެ އާއެކު އެ ރަށުގައި ތަރައްގީކުރަން ފެށި ހެރިޓޭޖް ސައިޓުގެ މަސައްކަތް ނުކުރަނީސް އެ މަސައްކަތް ހަވާލުކުރި ފަރާތަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ މައްސަލަ އެޓާނީ ޖެނެރަލް (އޭޖީ) އަށް ހުށަހަޅުއްވާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެެން ވިދާޅުވީ، ލަންދޫ ހެރިޓޭޖް ސައިޓް ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާދަމް ނަސީރު ވިދާޅުވީ، އެ މަސައްކަތަކީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ނިންމަން ހަމަޖެހިފައި އޮތީ 2024 ވަނަ އަހަރަށް ކަމަށެވެ. ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ހިންގާފައިނުވާއިރު އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 785،000 އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ލަންދޫގައި ހުރި އިހުގެ މާބުދު ހިމެނޭ ސަރަހައްދު ހެރިޓޭޖް ސަރަޙައްދެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި އެ މަސައްކަތް ކުރީ ސަރުކާރުގައި ހަވާލުކުރީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންއާއެވެ.