ކަރަންޓު ދިނުމަށް ބ. ކެންދޫގައި ބޭނުންކުރާ ދެ ޖަނަރޭޓަރެއް ހަލާކުވެ، އެ ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންދޫގެ ރައްޔިތުން މިއަދު މެންދުރު 2:30 އިން ފެށިގެން ތިބީ ކަރަންޓު ނުލިބި، އަދި މިރޭވެސް ކަރަންޓު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް އިންޖީނުގެއިން މައުލޫމާތުދޭ ކަމަށެވެ.
"މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އަޅުގަނޑު ވާނީ ރަމަޟާން މަހުގެ ކުރީންވެސް ގެނެސްފައި، ނަމަވެސް ދާއިމި ހައްލެއް ގެނެވިފައި ނުވުމުގެ ސަބަބުން މި ހާލަތަށް މިދިޔައީ. ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް އަވަހަށް ފޯރުކޮށްދެއްވުމަށް ގޮވާލަން!.،" އޭނާ ވިދާޅުވިއެވެ.
ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ވަނީ ހަލާކުވެފައެވެ. މިހާރު ކަރަންޓު ދިނުމަށް ބޭނުންކުރަނީ 200 ކިލޮވޮޓްގެ ޖަނަރޭޓަރެވެ.
ކެންދޫން ވާހަކަދެއްކި މީހަކު "ވަން"އަށް މައުލޫމާތުދެމުން ބުނީ މެންދުރުން ފެށިގެން އެ މައްސަލަ ދިމާވަމުންދާ ކަމަށާއި އެއްވެސް ވަރަކަށް ކަރަންޓު ނުލިބި ހުރުމަށްފަހު، މިރެއިން ފެށިގެން ކޮންމެ ގެއަކަށް ވެސް ކަރަންޓުދެމުންދިޔައީ ވަކި ވަގުތުތަކަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް ކަރަންޓުދެމުންދަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށް އޭނާ ބުންޏެވެ.
"ފެނަކައިގެ ޓީމެއް އައިސް، ޖަނަރޭޓަރުތައް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބެނީ. ރަށުގެ ގިނަ މީހުންނަށް މިރޭ ނިދަން ޖެހިފައިވަނީ އަނދިރީގައި. ބައެއް މީހުން މަގުމަތީގައި. ރަށުގެ ރައްޔިތުން އުންމީދުކުރަނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުވެގެންދިއުން،" އޭނާ ބުންޏެވެ.
ކެންދޫން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތާ މިހާރު ދުވަސްތަކެއް ވެފައިވާ އިރު، ދެ ޖަނަރޭޓަރު ހަލާކުވި މައްސަލައިގައި ފެނަކައިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ
ބ. ކެންދޫ