މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށް ހިޔާގެ ޓަވަރުތަކަކުންނާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ވަގުތީގޮތުން ކަރަންޓު ކަނޑާލުމަށް ނިންމައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމާޖެންސީ މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ވަކި ވަގުތުތަކެއްގައި ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާދަމާ ކަރަންޓު ކަނޑާލާ ހިޔާގެ ޓަވަރުތަކަކީ އެޗް 13، އެޗް14، އެޗް15 އަދި އެޗް 16 އެވެ. އެ ޓަވަރުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހެނދުނު 11:00 އަށެވެ. އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:30 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ.
ސްޓެލްކޯ އިން ބުނީ އެ ގަޑިތައް އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި އެ މަސައްކަތަކީ އެ ކުންފުނީގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް އެއްބާރުލުމަށް ލިބޭކަން ފާހަގަކޮށް، ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކަރަންޓު ކަނޑާލަން ޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ