މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި، މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން އެކަމަށް ހުއްދަ ދެއްވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމަށާއި ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ." މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ޑރ. ސަލާހުލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ އަދި މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ބޭފުޅެކެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.