ބޮލިވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ، އެމޭޒަން އެމްޖީއެމް ސްޓޫޑިއޯސްގެ އާ ކޮމެޑީ ފިލްމެއްގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ. މި ފިލްމަކީ "ބޭވޮޗް" ގައި އޭނާއާއެކު މަސައްކަތްކުރި ޒެކް އެފްރަންއާ އެކު ސްކްރީނުން ފެނިގެންދާނެ މަސައްކަތެކެވެ.

ނިކޮލަސް ސްޓޯލަރ ޑައިރެކްޓްކުރާ މި ފިލްމުގައި ވިލް ފެރެލް، މައިކަލް ޕެނާ، ރެޖީނާ ހޯލް، ޖިމީ ޓާޓްރޯ އަދި ބިލީ އައިކްނަރ ފަދަ ހޮލިވުޑްގެ ނަން މަޝްހޫރު ތަރިން ބައިވެރިވެއެވެ. ކުރިން "ޖަޖްމަންޓް ޑޭ" ގެ ނަމުގައި މަޝްހޫރުވެފައިވާ މި ފިލްމުގެ ވާހަކައަކީ ޖަލުން ދޫކޮށްލެވޭ މީހަކު (ޒެކް އެފްރަން) ކޯޓުރޫމެއް ހައިޖެކްކުރާ ވާހަކައެވެ.

ޕްރިޔަންކާ އާއި މައިކަލް ޕެނާގެ ރޯލާ ބެހޭ މައުލޫމާތު އަދި ސިއްރުކޮށްފައިވާއިރު، ޕްރިޔަންކާ ވަނީ މި ޕްރޮޖެކްޓްގައި ބައިވެރިވާކަން އިންސްޓަގްރާމްގައި ކަށަވަރުކޮށްދީފައިވެއެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ވިލް ފެރެލް، ޖެސިކާ އެލްބައުމް، އެލެކްސް ބްރައުން (ގްލޯރިއާ ސަންޗެޒް ޕްރޮޑަކްޝަންސް އިން) އަދި ނިކޮލަސް ސްޓޯލަރ (ސްޓޯލަރ ގްލޯބަލް ސޮލިއުޝަންސް އިން) އެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމު ސްޓޯރީ---

މި ފިލްމުގެ އިތުރުން، ޕްރިޔަންކާ މިހާރު ވަނީ އެސްއެސް ރާޖާމައުލީގެ ފިލްމެއްގެ ޝޫޓިން ނިންމާލައިފައެވެ. މަހޭޝް ބާބޫވެސް ހިމެނޭ މި ފިލްމަކީ އިންޑިއާނާ ޖޯންސް ފަދަ އެކްޝަން-އެޑްވެންޗާ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. "ހެޑްސް އޮފް ސްޓޭޓް"، "ދަ ބްލަފް" އަދި "ސިޓަޑެލް 2" ފަދަ އެހެން ޕްރޮޖެކްޓްތަކުންވެސް ކުރިއަށް އޮތް ތަނުގައި ޕްރިޔަންކާ ފެނިގެންދާނެއެވެ.

މި ހުރިހާ މަސައްކަތްތަކާއެކު، ޕްރިޔަންކާ ޗޯޕްރާގެ ހޮލިވުޑް ކެރިއާ އިތުރަށް ކުރިއަރަމުންދާ ކަން ބޮލީވުޑް ހަބަރުތައް ފާހަގަކުރެއެވެ. ބޮލީވުޑުން ފެށިގެން ހޮލިވުޑަށް މަގުފަހިކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު ހޯދަމުން އަންނަ އިންޑިއާގެ މަދު ތަރީންގެ ތެރޭގައި ޕްރިޔަންކާ ހިމެނެއެވެ.