ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެކްސްގައި އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ޓިކްޓޮކުން ފައިސާ ހޯދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.