ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އިނގިރޭސި ދެވަނަ ޑިވިޝަންގެ ސްވަންސީގެ ހިއްސާ ގަނެފިއެވެ.

އުމުރުން 39 އަހަރުގެ މޮޑްރިޗް އެ ކްލަބުގެ މައިނޯރިޓީ ހިއްސާ ގަތުމާއެކު އޭނާއަކީ މިހާރު އެ ކްލަބުގެ ކޯ އޯނަރެކެވެ. މޮޑްރިޗާއެކު ވެރިންގެ ގްރޫޕުގައި މޮޑްރިޗާއެކު ދެން ހިމެނެނީ އެންޑީ ކޯލްމަން، ބްރެޓް ކްރަވަޓް، ނައިޖެލް މޮރިސް އަދި ޖޭސަން ކޮހެންއެވެ.

މޮޑްރިޗްގެ ޓީމުން ސްވަންސީގެ ހިއްސާ ގަތީ މެޖޯރިޓީ ހިއްސާ ކުރިން އޮންނަ ޖޭސަން ލެވިއެންއާއި ސްޓީވް ކަޕްލަން އަތުންނެވެ.

ސްވަންސީގެ ހިއްސާ ގަނެ، މޮޑްރިޗް ބުނީ ސްވަންސީއަކީ ވަރުގަދަ ނަމެއް ކަމަށާއި އެ ކްލަބުގެ ސަޕޯޓަރުންނަކީ ވަރަށް އިހުލާސްތެރި ސަޕޯޓަރުންތަކެއް ކަމަށެވެ. އަދި އެ ކްލަބާއެކު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ކާމިޔާބީތަކެއް ހޯދުމަށް އުންމީދު ކުރާ ކަމަށްވެސް މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ކްލަބެއްގެ ހިއްސާ ގަތީ، ކުރިމަގަށް ވިސްނާ، ކްލަބު އިތުރަށް ހަރުދަނާ ކުރުމަށް އެހީވެދިނުމަށް ކަމަށެވެ.

މޮޑްރިޗް މިހާރުވެސް ރެއާލްއަށް ކުޅެމުންދާއިރު، އެންމެފަހުން އާކުރި އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ސްވަންސީއަކީ މިދިޔަ އަހަރުވެސް ގެއްލުމުގައި ހިންގި ކްލަބެކެވެ. މިދިޔަ އަހަރު ދުވަހު އެ ކްލަބަށް 15.2 މިލިއަން ޕައުންޑްގެ ގެއްލުމއް ކުރިމަތިވެފައިވީ ނަމަވެސް، އެއީ އޭގެ ކުރިން ދެ އަހަރަށްވުރެ ކުޑަ އަދަދެކެވެ.