އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި، އަލީ ސާމިން ނަމަކަށް ކިޔާ އެ މީހާ މަރުވެފައިވަނީ އިންޑިއާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
އެ ފިރިހެން މީހާ ފިހިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ.
އެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.
އޭގެ ފަހުން އޭނާއަށް ފަރުވާދިނުމަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
އެ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.
އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސަންޓު ވަނީ ފިހިފައެވެ. އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސަންޓު ވަނީ ފިހިފައި ކަމަށް އޮފިޝަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަންހެން މީހާ އަމިއްލައަށް ގައިގައި ރޯކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ހާދިސާގައި ފިހުނު ދެ މީހުންނަކީ ކުރިން ކައިވެންޏެއްކޮށް ފަހުން ވަރިވެފައިވާ ދެ މީހުންނެވެ.
"އަންހެން މީހާ އެ ދުވަހު ޕެޓްރޯލް ފުޅިއެއް ގަތް ކަމަށް ވަނީ. ދެން ފިރިހެން މީހާ ކޮފީއެއްގައި އިންދާ މި އަންނަނީ މެސެޖެއް. އެ އައުމާއެކު، އެ މީހާ އެ ގެއަށް ދިޔަތާ އިރުކޮޅެއް ފަހުން މި ހާދިސާއެއް މި ހިނގީ،" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުނެފައިވެއެވެ.
އެ އަންހެން މީހާ މީގެ ކުރިން ވެސް އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ