ކޮރަޕްޝަން ހިންގައިގެން ނުހައްގުން އެކި ފަރާތްތަކުން ހޯދާ ފައިސާތައް ހުރީ ހުޅުމާލޭގެ، ބިންތަކާއި އެޕާޓްމަންޓުތަކަށް އިންވެސްްޓްކޮށްފައި ކަމަށާއި، އެތަކެތި ދައުލަތަށް ނެގޭނީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ މުއާމަލާތްތަކާ ބެހޭގޮތުން މެންބަރުން ފާޅު ކުރެއްވި ހިޔާކުތަކާ ބެހޭގޮތުން ނާޒިމް ވިދާޅުވީ، ކޮރަޕްޝަންގެ ފައިސާއިން ހުޅުމާލޭން ބިންތަކާއި ފްލެޓްތައް ގަނެފައިވާކަން ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.
އެގޮތުން ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސް ޕްރޮޖެކްޓްގައި ހިންގާފައިވާ ކޮރަޕްޝަންގެ ތެެރެއިން، އެކަމުގައި ހިމެނޭ ކުންފުންޏަކަށް ފައިސާ ޖަމާވުމުން، ހަމަ އެ ފައިސާއިން، އެ ކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލެއިން 15 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައިވާ ކަމަށާއި، ޓެކްސްއަށް މަކަރު ހެދުމުގެ ގޮތުން، އެ ބިން ގަތް އަގަށްވުރެ ކުޑަކޮށް 12 މިލިއަން ރުފިޔާއަށް ވިއްކާލި ކަމަށެވެ. ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމަށް ރެނާޓަސްއަށް ކޮންޓްރެކްޓް ދިންއިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް އެތަނުން އެޕާޓްމަންޓްތަކާއި ޕެންޓް ހައުސްތައް ދީފައިވާ ކަމުގެ ހެކި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެކަންކަމުގެ ފަހަތުން ގޮސް އެތަކެތި ދައުލަތަށް ހޯދަން ޖެހޭ ކަމަށެވެ.
ނަމަވެސް ނާޒިމް ވިދާޅުވީ، އެތަކެތި ދައުލަތަށް ހޯދޭނީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދުކޮށްގެން ކަމަށެވެ. އެފަދަ ގާނޫނަކީ މާލިއްޔަތު ކޮމިޓީއަށް އަމިއްލަައަށް ހުށަހެޅޭނެ ގާނޫނެއް ނޫން ކަމަށެވެ.
އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު އެކުލަވާލާފައިވާ އެސެޓް ރިކަވަރީގެ ބިލު މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ފޮނުވައިދޭން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިވަޑައިގެންފައިވާނޭ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެ ބިލު މަޖިލީހަށް ފޮނުއްވައިދެއްވުމަށް ބަންޑާރަ ނައިބުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)