ތަޅުމުގައި މިއަދު ކުރަން ހުރި މަސައްކަތް ނިންމައި، 11:00 ގައި ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 9:26 ގައި މެދުކަނޑާލައިފިއެވެ.
މަޖިލީހުުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ އެންމެ ދެ މަސައްކަތެވެ. ފުރަތަމަ މަސައްކަތަކީ ތިން ގައުމަކަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އައްޔަން ކުރެއްްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވައި ދިރާސާ ކުރެއްވުމަށް އެ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމެވެ.
ދެވަނައަށް އޮތީ ރާއްޖޭގެ ފަރާތުން ބޭރު ގައުމެއްގައި ހުންނަވާ ނޮންރެޒިޑެންޓް ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ފޮނުއްވި ބޭފުޅެއްގެ ނަން، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓަށް ގޮތެއް ނިންމުމެވެ.
އެ ރިޕޯޓަށް ބަހުސްކުރަން 30 މިނެޓުގެ ވަގުތެއް ކަނޑައަޅައި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރު އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެއް މެންބަރަށް ފުރުސަތެއް ދިނުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ނިންމަވައި ފުރުސަތު ހުޅުވާލެއްވިއެވެ.
އެ ފުރުސަތުގައި އިދިކޮޅު އެމްޑީޕީން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ޕީއެންސީން އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި އެމްޑީއޭ އިން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެ ރިޕޯޓަށް ވާހަކަދެއްކެވިއެވެ.
މެންބަރު ޒިޔާދު ވިދާޅުވީ، މި ދައުރުގައި މަޖިލީހުގައި ކުރިއަށްދަނީ ނޮންރެޒިޑެންޓު ސަފީރުނަށް ރުހުން ދިނުން ކަމަށާއި ކުރާނެ އިތުރު މަސައްކަތެއް މަޖިލީހުގައި ނެތް ކަމަށެވެ.
ދުއިސައްތައެއްހާ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ދައުލަތުގެ އެޓާނީ ޖެނެރަލް އެކަމާބެހޭ ބިލުތައް މަޖިލީހަށް ފޮނުއްވަމުން ނުގެންދަވާތީ އެކަމަށްވެސް ޒިޔާދު ފާޑުވިދާޅުވިއެވެ.
ޒިޔާދުއަށް ރައްދު ދެއްވައި މެންބަރު ފަލާހު ވިދާޅުވީ، މި މަޖިލީހަކީ މިހާތަނަށް ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި އަދި އެންމެ ގިނަ މަސައްކަތްކުރި މަޖިލިސް ކަމަށެވެ. މެންބަރު އަސްބާސް ވެސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތަން ފެންނަމުން އަންނަ ކަމަށާއި މަޖިލީހުގައި ވަަރަށް ގިނަ މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.
އެ ތިިން ބެފުޅުންގެ ވާހަކައަށްފަހު، 9:26 ގައި މަޖިލިސް ޖަލްސާ މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަދުވެސް މަޖިލިސް ކޮމިޓީތަކުގައި ވަރަށް ގިނަ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޖަލްސާ މެދުކަޑުއްވާލައްވަނީ އެ މަސައްކަތްތަަކަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް