އައިލެންޑް އޭވިއޭޝަންގެ ރިހިޔޫބީލްގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކުންފުންޏަށް ތަހުނިޔާ ދަންނަވައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ފާހަގަކުރާ 25 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ގައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވާ ހިންމަތްތެރި މަސައްކަތަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިގުތިސާދު ހިފެހެއްޓުމުގައި، އަދި ތަރައްގީ ދަމަހައްޓައިދިނުމުގައި، ހިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުންޏެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮމެސްޓިކުގެ އުދުހުންތައް ކުރާ މޯލްޑިވިއަނުން އަންނަނީ ހިދުމަތްތަކަށް ވެސް ތަފާތުތަކެއް ގެންނަމުންނެވެ. އެގޮތުން އެ އެއާލައިނުން ވަނީ މިއަދުން ފެށިގެން އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް "ޕްރިމިއަމް އިކޮނޮމީ އެކްސްޕީރިއަންސް" ތައާރަފުކޮށްފައެވެ.
މޯލްޑިވިއަނުން މިދިޔަ މަހު ނެރުނު ބަޔާނެއްގައިވާ ގޮތުން "ޕްރިމިއަމް އިކޮނޮމީ" ގައި ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުކުރުމުގައި އެތައް ފަސޭހައެއް ލިބި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެއެވެ. އެގޮތުން، 25 ކިލޯގެ ބެގެޖު އެލަވަންސާއި އިތުރު ޗާޖަކާ ނުލައި ޓިކެޓުގެ ތާރީހު އެއް ފަހަރު ބަދަލުކުރެވުމާއި އަވަހަށް ޗެކިންގެ ހިދުމަތް ލިބުން ފަދަ ކަންކަން ހިމެނެއެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ، މާލެއިން އަންނަ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނަށް މޫނިމާ ލައުންޖަށް ވަދެ، ދަތުރުގެ ކުރިން އަރާމުކޮށްލައި، އެ ލައުންޖުގެ ރިފްރެޝްމެންޓާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ދަރަވަންދޫ އާއި އިފުރުން ފުރާ ފަސިންޖަރުންނަށް ވެސް އެ އެއާޕޯޓުގެ ލައުންޖްތަކަށް ވަދެ ހިދުމަތް ހޯދޭނެ ކަމަށް ބުނެފައިވެއެވެ.
ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ފަސިންޖަރުންނަށް ފްލައިޓުގައި ކޮމްޕްލިމެންޓަރީ ނާސްތާއަކާއި ބުއިމެއްވެސް ލިބޭނެ ކަމަށާއި އެ މީހުންނަށް ފާސްޓް ޓްރެކް ބެގޭޖު ހެންޑަލިންގެ ހިދުމަތް ވެސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. އެއީ އެ މީހުންގެ ލަގެޖު އަވަހަށް ޑެލިވާކުރުމެވެ.
މޯލްޑިވިއަނުން ވަނީ މިދިޔަ ޖެނުއަރީ މަހު އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް، ދަތުރުތައް ފަށައިފައެވެ. އެ ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އެ ބޯޓު ގެނެސް ފުރަތަމަ ދަތުރުތައް ފެށީ ޗައިނާގެ ތިން މަންޒިލަކަށެވެ.
ޗައިނާގެ މަންޒިލުތަކުގެ އިތުރުން މިދިޔަ މަހުން ފެށިގެން މޯލްޑިވިއަނުން ވަނީ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ-330 މަތިންދާބޯޓުގައި އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފައެވެ. އަދި އެއާބަސް އޭ-330 ގައި ދެކުނު އެފްރިކާއަށް ވެސް ދަތުރުތައް ފެށުމަށް ދާދި ފަހުން ވަނީ ނިންމައިފައެވެ.
އަންނަ އޮކްޓޯބަރު މަހު މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ ބޯޓުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ ގައުމުތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު