މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ޕްރޮކިއުމަންޓް ކަންކަން އެސްޓީއޯ އިން ކުރިއަށްގެންދާ ގޮތަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
އެސްޓީއޯ އިން އެގޮތަށް ނިންމާފައި މިވަނީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސްގެ ހިޔާނާތުގެ މައްސަލައެއް މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަދު އަހުމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުުވުމުގައި ފެންމަތިކޮށްފައިވުމުންނެވެ.
ނާޒިމް ވިދާޅުވެފައިވަނީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާ ކަމަށާއި ގޭސް ޝިޕްމަންޓްގެ އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރު ކަމަށެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު މިރޭ "ވަން" އަށް ވިދާޅުވީ މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ޕްރޮކިއުމަންޓް ކަންކަން އެސްޓީއޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން އެ ކުންފުނީގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އެ މަސައްކަތް ކުރިއަށްގެންދާނީ އެސްޓީއޯ އިން ކަމަށެވެ. އަދި އެއީ ވަގުތީގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވަނީ، ގެއްލިފައިވާ އެޑްވާންސް ފައިސާއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި އަދި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށެވެ.
އެސްޓީއޯގެ ބޯޑުން މިއަދު ނިންމި ނިންމުމުގެ ކުރިން ވެސް، ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވަނީ ގޭސް ގަތުމުގެ ހުރިހާ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވް ގޭހުގެ ހިޔާނާތުގެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބަލަން ފަށައިފިއެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ