ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ އެއްބާރުކަމަށްވާ ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔެއޯލް މަގާމުން ސަސްޕެންޑް ކުރެވިފައި ހުންނަވާތާ ހަތަރު މަސްފަހުން އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ އެންމެ ފަހުން މިހަފުތާގައި އޭނާ ރަސްމީކޮށް މަގާމުން ވަކިކޮށްފައެވެ. ރައީސް ޔޫންގެ ކުށަކީ ގާނޫނާ ޚިލާފަށް ގައުމުގައި ކުއްލި އަމުރުގެ ގާނޫނު ހިންގަވަން އުޅުއްވުމާއި ގާނޫނުހަދާ މަޖިލީހުގެ ބާރުތައް ހަނިކުރައްވައި ބަޣާވާތެއް ކުރައްވަން އުޅުއްވުމެވެ. މަގާމުން ވަކިކުރުމާއެކު ދެންއޮތީ ގައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާޔާއި ސަރިޔަތެވެ. ފަހަރުގައި މަރުގެ ހުކުމެއް އަތުވެދާނެއެވެ. ދެކުނު ކޮރެޔާއަކީ ނިކަން ހަލަބޮލި ތާރީޚެއް ލިބިގެންވާ ގައުމެކެވެ. އެގައުމުގެ ވެރިކަން ކުރައްވާ ބޭފުޅުންގެ ތެރެއިން ގިނަބޭފުޅުންގެ ނިމުން ހިތިވެފައި ހިތާމަވެރިއެވެ. އެހެންވީމާ ވަރަށް ކުރުގޮތަކަށް އެކަންކަމުގެ މައްޗަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ދުނިޔޭގެ ތާރީޚުން ފިލާވަޅު ލިބިގަތުމަށްޓަކައެވެ.

ރައިސުންގެ ނިމުމާއި ކޮރަޕްޝަނުގެ މައްސަލަތައް

ދައުލަތެއްގެ ގޮތުގައި ދެކުނު ކޮރެޔާ އުފަންވިތާ 77 އަހަރު ވެގެންދިޔައިރު މިހާތަނަށް ތޭރަ ބޭފުޅަކު ރައީސްކަން ކުރައްވައިފިއެވެ. ސިންގްމަން ރީއާ ހަމައިންނެވެ. މިދެންނެވި ތޭރަ ބޭފުޅުންގެ ތެރެއިން މަދުވެގެން ހަތް ބޭފުޅުންގެ ނިމުން ވަރަށް ހިތާމަވެރިއެވެ. އެހެންވީމާ ދަންނަވަންޖެހެނީ ދެކުނު ކޮރެޔާއަކީ ސިޔާސީ ހަމަނުޖެހުންތަކާ ގަޑުބަޑު ވަރަށް ބޮޑު ގައުމެއް ކަމުގައެވެ. ދެކުނު ކޮރެޔާގެ އެންމެ ފުރަތަމަ ރައީސް ސިންގްމަން ރީއަށްވެސް ދިމާވީ ހަމަ އެހާލަތެވެ. އިންތިޚާބުގައި މަކަރުހަދައި އޮޅުވައިލުމާއި ކޮރަޕްޝަނާއި ސިފައިން މެދުވެރިކޮށް ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި ކިޔަވާކުދިން މަގުތަކަށް ނުކުމެ ކުރަންފެށި ހަޅުތާލުތަކާ ގުޅިގެން ގައުމު ދޫކުރައްވައި 1960 ވަނަ އަހަރު އޭނާ އެމެރިކާގެ ހަވާއީއަށް ހިޖުރަ ކުރެއްވީއެވެ. އޭގެ ފަސް އަހަރު ފަހުން އަވަހާރަވީވެސް ހަވާއީގައެވެ.

ދެކުނު ކޮރެޔާގެ ތިންވަނަ ރައީސް ޕާކް ޗުންގް ހީއަށްވެސް ދިމާވީ ހިތާމަވެރި ގޮތެކެވެ. އޭނާ ވެރިކަން ހޯއްދެވީ އަސްކަރީ އިންގިލާބެއްގައެވެ. ދެވަނަ ރައީސް ޗަންގް މިޔޯން ވެރިކަމުން ދުރުކޮށްފައެވެ. ގޮށްމުށުގެ ބާރުގައި 18 އަހަރު ވެރިކަން ކުރެއްވިއެވެ. އޭނާ އަވަހާރަކޮށްލީ 1979 ވަނަ އަހަރުއެވެ. ރޭގަޑުގެ ފަރީއްކޮޅެއްގައި އިންނަވަނިކޮށް ބަޑިޖަހައި އަވަހާރަކޮށްލީ އޭނާގެ އިންޓެލިޖެންސްގެ އިސްވެރިޔާއެވެ. އޭގެ ހަމަ ދުވަސްކޮޅެއްފަހުން އަސްކަރީ އިންގިލާބެއްގައި 1980 ވަނަ އަހަރު ވެރިކަން ހޯއްދެވި ޗުންޑޫ ހުވާނަށްވެސް ދިމާވީ ދެރަގޮތެކެވެ. ޗުންޑޫ ހުވާނަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރޫ ޓައެ ވޫއަށްވެސް ދިމާވީ އެ ހާލަތެވެ. މަރަންވެސް ހުކުމް ކުރިއެވެ. އެ ހުކުމް ދިގު މުއްދަތުގެ ޖަލު ހުކުމަކަށް ބަދަލު ކުރިއެވެ. ޖަލުގައި އަހަރުތަކެއް ވީތަނާ ރިޔާސީ މައާފެއްގައި މިނިވަންކުރީއެވެ. ދެކުނު ކޮރެޔާގެ ރައީސްކަމަށް 2002 ވަނަ އަހަރު ވަޑައިގެންނެވި ރޯހޫ މިއުންގެ ނިމުންއައީ ކޮރަޕްޝަނުގެ ތުހުމަތު ތަކެއްގައި އޭނާގެ މައްޗަށް ސަރިޔަތް ހިންގަން އުޅުމުން އަމިއްލަފުޅަށް އަވަހާރަވެގެންނެވެ. ދެކުނު ކޮރެޔާގެ ރައީސްކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ އަންހެން ބޭފުޅަކީ ޕާކް ގުއެން ހިއޭ ކަމަށްވާއިރު 2016 ވަނަ އަހަރު ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އެކަމަނާވެސް މަގާމުން ދުރުކޮށް ސަރިޔަތް ހިންގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ވަނީ އިއްވިފައެވެ.

ކޮރެޔާ ދެބައިވުމާއި ދެކުނު ކޮރެޔާ

ދެވަނަ ބޮޑު ހަގުރާމަ ނިމުމާ ހަމައަށް ކޮރެޔާ އޮތީ ޖަޕާނުގެ އިސްތިއުމާރުގެ ދަށުގައެވެ. އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާ އާއި ނަގަސާކީއަށް ނިއުކުލިއަރ ބޮން އެޅުމާ ގުޅިގެން ޖަޕާނުން އަމާންދީ އޭޝިއާ އާއި ޕެސިފިކުގައި ހަގުރާމަ ހުއްޓުމާއެކު ކޮރެޔާގެ ދެކުނުބިތް ކޮންޓްރޯލްކުރަން ފެށީ އެމެރިކާއިންނެވެ. އުތުރުފަޅި އޭރުގެ ސޯވިއެޓް ޔޫނިއަނުންނެވެ. ކޮރެޔަން ޕެނިންސޫލާ ދެބައިވީ މިގޮތުންނެވެ. އެމެރިކާއިން ކޮންޓްރޯލް ކުރަމުންދިޔަ ދެކުނު ބިތުގައި އިންތިޚާބެއް އެންމެ ފުރަތަމަ ބާއްވައި ރިޕަބްލިކް އޮފް ކޮރެޔާގެ ނަމުގައި ދައުލަތެއް އިއުލާންކުރީ 15 އޮގަސްޓް 1948 ގައެވެ. ދެކުނު ކޮރެޔާއަކީ އެއީއެވެ. ބަލަން ތިބެފައި ހަމައެއަހަރުގެ ސެޕްޓެމްބަރު މަހު ޑިމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާގެ ނަމުގައި ސޯވިއެޓް ޔުނިއަން އަޑީގައި އޮވެގެން އައު ދައުލަތެެއް އިއުލާންކޮށްފިއެވެ. އުތުރު ކޮރެޔާއަކީ އެއީއެވެ. ކޮރެޔަން ޕެނިންސޫލާ ދެބައިވެ ދެބިތުގައި ދެ ދައުލަތެއް އޮތުމުގެ ސިއްރަކީ އެއީއެވެ.

މަޝްހޫރު ކޮރެޔާ ހަގުރާމަ

މިދެންނެވި ދެ ދައުލަތް އުފެދުނުތާ ދެ އަހަރު ފަހުން ކޮރެޔަން ޕެނިންސޫލާ ގެނބިގެންދިޔައީ ބޮޑުވެގެންވާ ހަގުރާމައެއްގެ ތެރެއަށެވެ. އެ ހަގުރާމަޔަށް ކިޔަނީ ކޮރެޔާ ހަގުރާމައެވެ. މިއީ 1950 ވަނަ އަހަރުން 1953 ވަނަ އަހަރާ ހަމައަށް ދިގުދެމިގެންދިޔަ ހަގުރާމައެކެވެ. މިކަމެއް ފެށުނީ އުތުރު ކޮރެޔާގައި އޮތް ކޮމިއުނިސްޓް ދައުލަތުން ދެކުނު ކޮރެޔާއަށް އަރައިގަތުމުންނެވެ. ދެކުނު ކޮރެޔާއިން އެހީތެރިކަމަށް އެދުނީ އެމެރިކާގެ ކިބައިންނެވެ. އެމެރިކާ ސިފައިން ގޮސް ހަގުރާމައިގައި ބައިވެރިވިތަނުން ސޯވިއެޓް ޔުނިއަނާއި ޗައިނާއިންވެސް އުތުރު ކޮރެޔާގެ ދިފާއުގައި މި ހަގުރާމައަށް ވަދެއްޖެއެވެ. ދެން ހަގުރާމައިގެ މައިދާން އެކިދުވަހު އެކިގޮތްގޮތަށް ފުރޮޅެމުންގޮސް އެންމެފަހުން އެންމެންވެސް ލޮޑުވެގެން 1953 ގައި ހަމަލަތައް ހުއްޓައިލުމުގެ އެއްބަސްވުމަކާއެކު ހަގުރާމަ ހުއްޓާލައިފިއެވެ. ހަގުރާމަ ހުއްޓައިލީ ސުލްހައިގެ އެއްބަސްވުމަކާ ނުލައެވެ. އެޒާތުގެ ސުލްހައެއް އަދިވެސް ނެތެވެ. އެހެންވީމާ ކޮރެޔާ ހަގުރާމަ ނިމުނުތާ 72 އަހަރު ފާއިތުވެގެން ދިޔަކަމަށްވިޔަސް ދެކުނު ކޮރެޔާ އާއި އުތުރު ކޮރެޔާ އަދިވެސް އެއޮތީ ހަގުރާމައިގެ ހާލަތުގައެވެ.

ދެކުނު ކޮރެޔާ އާއި އުތުރު ކޮރެޔާގެ ތަފާތު

ދެކުނު ކޮރެޔާގެ އާބާދީއަކީ ގާތްގަޑަކަށް 52 މިލިޔަނެވެ. އުތުރު ކޮރެޔާގެ އާބާދީއަކީ 26 މިލިޔަނެވެ. މާނަޔަކީ އުތުރު ކޮރެޔާގެ ކޮންމެ މީހަކަށް ދެކުނު ކޮރެޔާގައި ދެމީހުން ތިބުމެވެ. ދެކުނު ކޮރެޔާގެ އާބާދީ ބޮޑަސް ސަރަހައްދުގެ ގޮތުން ތަންކޮޅެއް ބޮޑީ އުތުރު ކޮރެޔާއެވެ. ދެކުނު ކޮރެޔާގެ ސައިޒަކީ ގާތްގަޑަކަށް އެއްލައްކަ އަކަ ކިލޯމީޓަރެވެ. އުތުރު ކޮރެޔާގެ ސައިޒަކީ އެއްލައްކަ ތޭވީސްހާސް އަކަ ކިލޯމީޓަރެވެ. ދެ ގައުމުގެ އިގްތިސާދަށް ބަލާއިރު ދެކުނު ކޮރެޔާއަކީ ދުނިޔޭގެ އެންމެ އުފެއްދުންތެރި އެންމެ މުއްސަނދި އެއްގައުމެވެ. އެގޮތުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއްގައުމެވެ. އެކަމަކު އުތުރު ކޮރެޔާ މުޅިން ތަފާތެވެ. އެއީ ދުނިޔޭގެ އެންމެ ފަގީރު އެއްގައުމެވެ. އެންމެ ބޮޑަށް އެކަހެރިވެފައިވާ އެއްގައުމެވެ.