ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މަނަވަރުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދިވެހި ސިފައިންނަށް ލިބިފައިވާ ގާބިލުކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މަނަވަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ބާރަކަށްވާނެ ކަމަށެވެ.

ދިވެހި ސިފައިންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްޔިތުން ރައްކާތެރިކުރުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ މަނަވަރުގެ ސަބަބުން ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޑޯގަން ކްލާސްގެ މަނަވަރެކެވެ. މިއީ ފާސްޓް އެޓޭކް އަދި މިސައިލް ފޮނުވޭ މަނަވަރެކެވެ. އެ މަނަވަރު އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިން ދަނީ ތުރުކީގައި ތަމްރީން ހަދަމުންނެވެ.