އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމަށްފަހު އެ ރޭ ދަންވަރު ގެއަށް ދިޔަ މަގުމަތީގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ގއ. ދާންދޫ/ ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (20އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ޖެހުން، މުދަލަށް ގެއްލުން ދިނުން އަދި ކުށެއް ކުރުމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާއަށް ތުހުމަތުކުރާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފީ ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ކުޑަ ކުށަކަށްވެފައި، އޭނާ 15 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އާއި އޭނާގެ ފަރާތުން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާތީ އެކަންކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުން ދޫކޮށްލީ ބަންދުން ލުޔެއް ދޭ ހާލަތެއްގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ. ޝަރުތާ ހިލާފުވެއްޖެނަމަ އަލުން ހައްޔަރުކުރެވޭނެ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

އަހުމަދު ރިޝްމާހް އަކީ ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ރޭވުމުގައި އުޅޭ ކަމަށް ފުލުހުން ކުރި ތުހުމަތުތަކަކާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހު ވެސް ހައްޔަރުކުރި މީހެކެވެ.