ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހް، އެ ކްލަބާއެކު އާ އެއްބަސްވުމުގައި ސޮއިކުރީ 500 މިލިއަން ޕައުންޑްގެ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައި ކަމަށް ނޫސްތައް ބުނެފިއެވެ.

ސަލާހް، ލިވަޕޫލް އާއެކު އެއްބަސްވުން އާކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެ، އެ ކްލަބުން ދެ އަހަރު ދުވަހަށް އެއްބަސްވުން އާކުރި ކަމަށް އިއުލާން ކުރީ އިއްޔެގެ ވަގުތެއްގައެވެ. މިދިޔަ އަހަރުގެ އިތުރުން އޭގެ ކުރިންވެސް ސަލާހާއި ލިވަޕޫލް އެއްބަސްވުމަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެކަން އޮތީ ކާމިޔާބު ނުވެއެވެ.

ސަލާހާއި ލިވަޕޫލަށް އެއްބަސްވުމަކަށް ނާދެވި ގިނަ ދުވަސްވެގެން ގޮސް، ދާދިފަހުން ސަލާހް ވަނީ އެކަމުގައި ނުރުހުންވެސް ފާޅުކޮށްފައެވެ. އެ ފަހަރު ސަލާހް ބުނީ ބޮޑަށް ގާތީ ލިވަޕޫލް ދޫކޮށްލުން ކަމަށެވެ.

އެއާއެކު ސައުދީ ކްލަބުތަކުން ސަލާހް ހޯދަން ބުރަކޮށް މަސައްކަތް ކުރި އިރު، ބީބީސީ ސްޕޯޓްސް އިން ބުނީ 500 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްވެސް ސަލާހަށް ހުށަހެޅި ކަމަށެވެ.

ސަލާހް ލިވަޕޫލްގައި އަށް އަހަރު ހޭދަކޮށްފައިވާ އިރު، ހުރިހާ ކާމިޔާބީއެއް އެ ކްލަބާއެކު ހޯދާފައިވެއެވެ. އިތުރު ދެ އަހަރަށް ސަލާހް އެއްބަސްވުން އާކުރި އިރު، އޭނާ ހުރީ އަދިވެސް ވަރުގަދަ ފޯމެއްގައެވެ.

ސަލާހްގެ އެޖެންޓް ރަމީ އައްބާސް އީސާއާއި ލިވަޕޫލްގެ ސްޕޯޓިން ޑިރެކްޓަރު ރިޗާޑް ހިއުސްއާ ދެމެދު މާޗު މަހު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ސަލާހްގެ މުސާރަ ބޮޑެއްވެސް އަދި ކުޑެއްވެސް ނުކުރެއެވެ.

ސަލާހަށް ހަފުތާއަކު ގާތްގަނޑަކަށް ހަތަރު ލައްކަ ޕައުންޑް ޖެހޭއިރު، ސަލާހް ބޮޑު ހުށަހެޅެއް ދޫކޮށްލީ ކީއްވެކަން އޮތީ ސުވާލު މާކެއްގައެވެ. އޭގެ ޖަވާބުތައް ގިނައެވެ. އެންމެ މުހިންމު އެއް ސަބަބަކީ ވާދަވެރި ފުޓުބޯޅައިގައި ދެމިހުރުމެވެ.

އުމުރުން 32 އަހަރުގެ ސަލާހް، މި ސީޒަނުގައި 54 ގޯލަށް އެހީތެރިވެދީފައިވާ އިރު، އޭނާގެ އަދިވެސް ޓާގެޓަކީ ބެލޮންޑިއޯ ކަމަށް ނޫސްތައް ބުނެއެވެ.

ބީބީސީން ބުނީ ސަލާހް ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި އަދިވެސް ބޭނުން ވަނީ އެންމެ މަތީ ފަންތީގައި ކުޅުމަށް ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އެހެން ލީގަކަށް ދިޔުން އެއީ ފެންވަރު ވެއްޓުން ކަމަށްވެސް ނޫސްތައް ބުނެއެވެ.