ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިން މެސެޖްތައް ފޮނުވުމާއި، އަދި އެ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ކަމަށެވެ.

ޓެމޫގެ ނަމުގައި މައިގަނޑު ގޮތެއްގައި ތިން ސްކޭމެއް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

  1. ފިޝިން މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއާ ސާވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށްބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
  2. ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
  3. 2ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.

އެފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ގޮތް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމުން މުހިންމުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ޑޮމެއިންތަކަށް) ސަމާލުވުމަކީވެސް މުހިންމުކަމެއް ކަމަށެވެ. އަދި "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށާއި ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމުގެ އިތުރުން ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓާ އޮތެންޓިކޭޝަން ބޭނުން ކުރުމަކީ ސްކޭމްތަކުން ރައްކާތެރިވުމަށް މުހިންމުކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވެސް ފުލުހުން ވަނީ ކިޔައިދީފައެވެ.

އެގޮތުން ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމާއި ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރެވިދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ހުރިހާ މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށާއި ފުލުހުންނަށް ރިޕޯޓު ކުރުމަކީ މުހިންމުކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އޮންލައިން ޝޮޕިން ކުރާއިރު ރައްކާތެރިވުމުގެ އޮންލައިން ޝޮޕިންއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުން ކުރެވިދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކޮށް އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓާ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކޮށް އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރެވިދާނެ ކަމަށް ފުލުހުން ބުންޏެވެ.