ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ހުއްދަވާނީ އެ މަރާ މެދު ގާޒީ ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ޝަހީމް ރޭ ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، މިމަހުގެ ދެވަނަ ދުވަހު "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ލ. މާވަށުގައި ކުރުމަށް ހަމަޖައްސާފައިވުމުންނެވެ.

މާވަށު ކައުންސިލުން ބުނެފައިވާ ގޮތުގައި މުޝްފިގުގެ މައްޗަށް ޣައްބަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހުއެވެ.

އެކަމާ ގުޅޭގޮތުން މިިނިސްޓަރު ޝަހީމް ވިދާޅުވީ އެކަމުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވުމުން ކަމަށެވެ.

"މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށެވެ. ކަން ހިނގައިދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދުކުރުމަކީ ހުއްދަކަމެކެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހަކު ނަމަ، އެމީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހަކު ކަމުގައިވެސް ވެދާނެ ކަމަށާއި ނުވަތަ ދަރީން ތިބި މީހަކަށް ވެސް ވެދާނެ ކަމަށެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއް ކަމުގައިވެސް ވެދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ، މި ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީއެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން އަންނަ މުޝްފިގު---

ޝަހީމް ވިދާޅުވީ ގާޒީގެ ހުކުމަށްފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ، އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށާއި އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ، އަނބުރާ އޭނާގެ ގާތަށް ދިއުމެއް ނެތް ކަމަށެވެ. އަދި ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައިވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ގާޒީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާ މެދު ގޮތް ނިންމަންވާނީ ގާޒީއެވެ. ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައެވެ. ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެއެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށާއި ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިމަހުގެ ދެވަނަ ދުވަހު "ހޮޅުދޫ ބޯޓު"ގައި އަލިފާން ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށެވެ. އެ ބޯޓުން 18 މީހުން ދަތުރުކުރި އިރު، އިތުރު މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގު ހޯދުމުގެ މަސައްކަތްކޮށްފައެވެ. އޭނާ ހޯދުމަށް ޑްރޯންގެ ބޭނުން ވެސް ކޮށްފައިވެއެވެ.