ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެންމެ ފުރަތަމަ ރަންވޭ އަދި މިހާރު ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޓެކްސީވޭ 'ޗާލީ' އަލުން ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏަކީ ވީއައިއޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ވީއައިއޭގައި މިހާރު ބޭނުންކުރަމުންދާ ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް، ވީއައިޕީ/ ސީއައިޕީ ޓާމިނަލް، ކާގޯ ޓާމިނަލް އަދި ފިއުލް ފާމުގެ މަސައްކަތް ކުރީ ބީޔޫސީޖީންނެވެ.

އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް މިއަދު ހުޅުލޭ އައިލެންޑް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާޖް ޑެފެއާޒް ހެ ފެން، އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޯން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ދޭ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ބީޔޫސީޖީއާއި އެމްއޭސީއެލް އެކުގައި ވީއައިއޭ ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް އެކުގައި ހިންގާތާ ދިހަ އަހަރުވެފައިވާތީ އެކަމަށްޓަކައި އެ ކުންފުންޏަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ، އަލުން ހަދަން ފެށި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބުނު ތަނެއް ކަމަށާއި އެ ޓެކްސީވޭ މަތިމަތިން މަރާމާތު ކުރި ނަމަވެސް އަލުން ހެދުމުގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ. އަދި އަލުން ހަދާ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިޔާތުގައި ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮންގް ވިދާޅުވީ އެމްއޭސީއެލް އާއެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުން ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ އިތުބާރު ބޮޑު ޕާޓްނާޝިޕަކަށްވެފައިވާ ކަމަށެވެ.

އެގޮތުން ބީޔޫސީޖީގެ ކޮންމެ މަޝްރޫއެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި ޓެކްސީވޭ ޗާލީގެ މަސައްކަތަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޓެކްސީވޭ ޗާލީއަކީ ވީއައިއޭގެ ފުރަތަމަ ރަންވޭއެވެ. އެ ރަންވޭ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްގީކޮށްފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ.