ޒުވާނުންނަކީ ގާބިލު ބަޔަކަށް ހަދައިދިނުމަށް މާލެ ސިޓީ ކައުންސިލުން 50 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއްވި އެކި ދަތުރުތަކުގައި ރާއްޖޭގެ ޒުވާނުންނަށް، 50 ސްކޮލާޝިޕް ފުރުސަތު ލިބިފައިވާ ކަމަށެވެ.
އޭއީ ޕާކިސްތާނުގައި ތިބެގެން ހަތަރެއް ނުވަތަ ހަ މަސް ދުވަހުން ނިންމާލެވޭނެ ސްކޮލާޝިޕްތަކެއް ކަމަށާއި އެ ފުރުސަތުތަކަކީ ހުރިހާ ހަރަދެއް ކުރުމަށް ފަންޑު ލިބިފައިވާ ފުރުސަތުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"މާލެ ސިޓީ ކައުންސިލަށް މިވަނީ 50 ސްކޮލާޝިޕްގެ ފުރުސަތު ލިބިފައި. ހުރިހާ ހަރަދެއް ކުރާނީ ޕާކިސްތާނުގެ އެކި އިންސްޓިޓިއުޝަންތަކާއެކީ މަސައްކަތްކުރުމަށް ފުރުސަތުދީފައި މިވަނީ. ކޮންމެ ފުރުސަތެއްގެ މުއްދަތަކީ ހަތަރު މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް،" އާޒިމް ވިދާޅުވިއެވެ.
ސްކޮލާޝިޕްގެ ފުރުސަތުތައް:
- އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ސްކޮލާޝިޕްގެ ފުރުސަތުތައް
- ނުކުޅެދުންތެރި ކަމަށް ބޭނުންވާ މީހުންނަށް ދޭ ހާއްސަ ޓްރެއިނިންތަކަށް ސްކޮލާޝިޕްގެ ފުރުސަތުތައް
- އާލީ ޗައިޑް ހުޑް އެންޑް ސްޕެޝަލް އެޑިއުކޭޝަން ހުންނަ ކުދިންނަށް ކިޔަވައިދިނުމާއި އެކުދިންނަށް ބޭނުންވާ ބެލެހެއްޓުމުގެ ތަމްރީނުތަކެއް ޓީޗަރުންނަށް ދިނުމުގެ ފުރުސަތުތައް
- ސޮފްޓްވެއާ އިންޖިނިއަރުންގެ ސްކޮލާޝިޕްގެ ފުރުސަތުތައް
- ސައިބާ ސެކިއުރިޓީ އެކްސްޕާޓްސްގެ ސްކޮލާޝިޕްގެ ފުރުސަތުތައް
- ކްލައުޑް ސްޕެޝަލިސްޓް ސްކޮލާޝިޕްގެ ފުރުސަތުތައް
- އާޓިފިޝަލް އިިންޓެލިޖަންސް ޑޭޓާ ސައިންސްގެ ސްކޮލާޝިޕްގެ ފުރުސަތުތައް
- ބްލޮގް ޗޭން ޑިވެލޮޕާސްގެ ސްކޮލާޝިޕްގެ ފުރުސަތުތައް
މޭޔަރު އާޒިމް ވިދާޅުވީ ސްކޮލާޝިޕްގެ އެ ފުރުސަތުތަކަށް އަންނަ ހަފުތާ އިއުލާންކުރާނެ ކަމަށާއި އެކަމަށް ހުށަހަޅާ ބައިވެރިންގެ ތެރެއިން ޝަރުތު ހަމަވާ 50 މީހަކު ހޮވައި، މިއަހަރުގެ ތެރޭގައި ޕާކިސްތާނުގެ އިންސްޓިޓިއުޓްތަކަށް ފޮނުވާނެ ކަމަށެވެ.
އަމަޒަކީ މާލެ ސިޓީ ކައުންސިލު މެދުވެރިކޮށްވެސް ޒުވާނުންނަކީ ގާބިލު ބަޔަކަށް ހަދައިދިނުމަށް އެކި ދާއިރާތަކުން ފުރުސަތުތައް ހޯދައިދިނުން ކަމަށާއި އޭގެ އިތުރުންވެސް އިންޑިއާގެ އެމްބަސީންވެސް ސްކޮލާޝިޕް ފުރުސަތުތަކަށް ހުޅުވާލާނެ ކަމަށެވެ. އިންޑިއާ އިން ލިބޭ ސްކޮލާޝިޕްގެ ފުރުސަތުތަކުގެ ތަފްސީލުތައް އަންނަ ހަފުތާގައި އިއުލާންކުރާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު