ހަތަރު ރަށެއްގެ ހޮސްޕިޓަލު، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ހަތަރު ރަށެއްގެ ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ހެދުމާއި، ދިހަ ރަށެއްގައި އާ ހޮސްޕިޓަލު އިމާރާތްކުރުމާއި، އަށް ރަށެއްގެ ހެލްތު ސެންޓަރު ހޮސްޕިޓަލަށް އަޕްގްރޭޑުކުރުމުގެ ކޮންޓްރެކްޓުގައި މިހާރު ސޮއިކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

"ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުން، އެގޮތަށް ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ތިނަދޫއާއި ލ. ގަމު ހޮސްޕިޓަލު، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އާ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން ނޭޝަނަލް ހެލްތު ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް (ޖީޕީ ކުލިނިކުގެ ހިދުމަތް) އިތުރުކުރެވި، މިއަހަރު މާލޭގައި އެފަދަ ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތުގެ މަސައްކަތްތައް މިދިޔަ މަހުގެ 28ގައި ހެލްތު މިނިސްޓްރީން ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އަދި ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރި އިރު، ތިން ސިއްހީ މަރުކަޒެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 11،197،462.90 (11.9 މިލިއަން) ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • ށ. މިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 110،878،732.12 (110.8 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 110،716،537.72 (110.7 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތް - 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 108,322,537.03 (108.3 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 26,839,684.82 (26.8 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތް - 7,641,116.64 (7.6 މިލިއަން) ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
  • ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 6،763،307.54 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
  • ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 6،757،395.89 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް