އިންޑިއާގެ އެހީގައި ރާއްޖޭގައި އަށް ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" މިއަދުގެ ޕޮޑްކާސްޓް ޕްރޮގްރާމްގައި ތައުލީމީ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އިންޑިއާގެ ލައިންއޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ބައެެއް ސްކޫލްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓްގައި ހުޅުމާލޭގައި އިތުރު ދެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އެ ދެ ސްކޫލް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތައުލީމީ ދާއިރާއިން ކުރިއަށްގެންދަނީ 70 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

އެ މަސައްކަތްތަކުގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުަރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ހައްލުވެގެންދާނެ ކަަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.