ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީީ) އިން ހެދުމަށް ނިންމާފައިވާ ފުލެޓްތަކުގެ ތެރެއިން 5،000 ފުލެޓަކަށް ލޯނު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް 18 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރީ އެފްޑީސީއާއެވެ.
ހަމްދާން "ވަން" އަށް މިއަދު ވިދާޅުވީ އެ 15،000 ފުލެޓުގެ ތެރެއިން 5،000 ފުލެޓަކަށް ޗައިނާގެ ބޭންކަކުން ލޯނު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމްދާން ވިދާޅުވީ އެ ބޭންކުން ވަނީ އެކަމުގެ ޓާމްސް އެންޑް ރިފަރެސް ފޮނުވާފައި ކަމަށެވެ.
ޗައިނާގެ އެ ބޭންކުގެ ހުށަހެޅުންތައް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް، އެފްޑީސީން މިހާރު ފޮނުވާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
"މިނިސްޓްރީން ކުރިއަށްއޮތް ހަފުތާތަކުގެ ތެރޭގައި އޭތި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާނެ. ކައުންސިލުން ފާސްކޮށް ގޮތެއް ނިންމީމަ ލޯނު އެގްރީމެންޓުގައި ސޮއިކުރާނީ،" ހަމްދާން ވިދާޅުވިއެވެ.
ލޯނުގެ އެގްރީމެންޓުގެ ސޮއިކުރެވުމާއެކު ހައުސިން މަޝްރޫއު ލޯންޗުކުރާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެ މަޝްރޫއަށް އިތުރު ލޯނުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހަމްދާން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން