ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަގީންކަން އެބަ އޮތްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން އޮންލައިންކޮށް ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ، ޑީއެސްއެސްއެސް ފަދަ ފެސިލިޓީއެއްގެ، އަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އައު ސޮފްހާއެއް ހުޅުވިގެންދާނެ ކަމަށެވެ.
ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި ވިލުންވެރި ތަރައްގީ ކަށަވަރުކުރުމަކީ އެފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށެވެ. އެގޮތުން ލަސްނުކޮށް ޑީއެސްއެސްއެސްގެ އަމަލީ މަސައްކަތް ފެށުމަކީ މުހިންމުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ ސިޑްސްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ވެށި ތަގައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު ގިނަ ފަރާތްތަކާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަކީ މުހިންމުކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށަހެޅީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި އެ ހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި އޭގެ ސަބަބުން، އެފަދަ ގައުމުތަކުގެ މާލީ ފުދުންތެރިކަން ގާއިމުވުމަކީ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި އެފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށްދިނުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ކުރިއަށް އޮތް ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ 4) އަކީ ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެ މަސައްކަތަށް މިހާރުވެސް ގިނަ ގައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި މުސްތަގުބަލު ރައްކާތެރިކުރުމަށް ކުރަންޖެހޭކަމެއްކަމުގައި ވިދާޅުވެފައެވެ.
ސިޑްސްއަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމުގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާއަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު