ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް ގެންގޮސްފައި ހުރި ވެލްޑިން މެޝިނެއް ގެންދަން އުޅުނީ މ. މުލީ އެއާޕޯޓުގެ މަސައްކަތަށް މި ވަގުތު އެ މެޝިން ބޭނުންވެގެން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މަގޫދޫ އެއާޕޯޓް ހަދަން ގެންގޮސްފައިވާ ބައެއް ސާމާނުތައް އެ ރަށުން ގެންދަން އުޅޭތީ އިއްޔެ އެ ރަށު ރައްޔިތުން ނުކުމެ އެކަން ވަނީ ހުއްޓުވައިފައެވެ.
އެކަމާ ގުޅިގެން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "ވަން" އަށް މިރޭ ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ ސާމާނު އެ ރަށުން ގެންދަން އެމްޓީސީސީން މަސައްކަތް ނުކުރާ ކަމަށާއި މަގޫދޫން ގެންދަން އުޅުނީ މި ވަގުތަށް އެ ރަށުގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުން ނުވާ ވެލްޑިން މެޝިނެއް ކަމަށެވެ.
"އަޅުގަނޑުމެން ގެންދަން އުޅުނީ ވެލްޑިން މެޝިނެއް. ވެލްޑިން މެޝިން މިހާރު ރަށުން ބޭލިއްޖެ، ދެން އެ މެޝިނާ ގުޅޭ ބައެއް ސާމާނު ބާލަން އުޅެނިކޮށް މިކަމެއް ހިނގައިގެން މިއުޅެނީ،" ސައުދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެލްޑިން މެޝިން ގެންގޮސްފައިވަނީ މުލީ އެއާޕޯޓު މި މަހުގެ 25 ގައި ނިންމަން ބޭނުންވާތީ އެ ތަނުގެ ފެންސުތަކުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.
ޖުމުލަ 252 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު، ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފައެވެ.
ޕްރައިވެޓް ޖެޓްތައް ޖެއްސޭގޮތަށް 1،800 މީޓަރުގެ ދިގު ރަންވޭ އަކާއެކު ހަދާ އެ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރެވޭނެ ޕާކިން ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއްވެސް ހަދައެވެ. އަދި ޖެޓުތަކުގައި އަންނަ ކްރޫން މަޑުކުރެވޭނެ ހޮޓަލެއް ހަދަންވެސް ވަނީ ނިންމައިފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ