މޯލްޑިވްސް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލައެއް މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަދު އަހުމަދު ނާޒިމެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑް (ޕީސީބީ)ގެ ޕޮލިސީތަކާ އެއްގޮތަށް ކުންފުނިތަކުގެ ކަންތައް ކުރިއަށްދޭތޯ، ކޮމިޓީން ބަލަންޖެހޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވި، މޯލްޑިވްސް ގޭސްއިން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ގެއްލިފައިވާ ކަމަށާއި، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި އަދި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށެވެ.
އެއީ ޕީސީބީގެ ޕޮލިސީތަކާ އެއްްގޮތަށް ކަންތައް ނުކުރުމުން ނުކުންނަ ނަތީޖާ ކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ގޭސް ޝިޕްމަންޓްގެ އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރު ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާކަންވެސް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ކުންފުނިތަކުން ބްލީޑްވަނީ އެފަދަ ގޮތްގޮތަށް ފައިސާ ހަރަދު ކުރުމާއި، އިންތިހާއަށް ބޮޑެތި އަގުތަކުގައި ކުންފުނިތަކުން ވެހިކަލްތަކާއި އެއްޗެހި ކުއްޔަށް ނަގައިގެން ޕީސީބީގެ ޕޮލިސީތަކާ ހިލާފަށް ކަންތައްކުރުމުން ކަމަށެވެ.
އެހެންކަމުން ސްޕެސިފިކްކޮށް ވަކިވަކި ކުންފުނިތަކުން، ޕީސީބީގެ ޕޮލިސީތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް