ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޖީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުން ބިދޭސީންގެ ފީތައް ގަވާއިދުން ދައްކަމުންނުދާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މަސައްކަތުން ބިދޭސީ މަސައްކަތްތެރިންގެ ފީ ގަވާއިދުން ދައްކާ ފަރާތްތަކުގެ އަދަދު 50 ޕަސަންޓަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމާ ހަވާލުވިއިރު އެ އަދަދު ހުރީ 22 ޕަސަންޓުގައިކަމަށް މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ނުދައްކާ ހުރި ބިދޭސީނާ ގުޅޭ ފީތަކުގެ ތެރެއިން ބޮޑު ޕަސަންޓެއް ދައުލަތަށް ހޯދިފައިވަނީ މި ސަރުކާރުން އެކަމަށް ހާއްސަކޮށްގެން ކުރި މަސައްކަތުން ކަމަށެވެ.
"ރިކަވާ ކުރެވިފައި އޮތް އިންސައްތައިގެ 99 އިންސައްތަ މި ސަރުކާރުގެ ތެރެއިންނޭ މި އޮތީ ހޯދިފައި. މާނައަކީ 1.6 ބިލިއަން ރުފިޔާ މި ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ. އެހެންނަމަވެސް މި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 900 އެތައް މިލިއަން ރުފިޔާ އަދި ވެސް އެބަހުރި،" މަޖީދު ވިދާޅުވިއެވެ.
ހޯމްލޭންޑް މިނިސްޓްރީން 02 ސެޕްޓެމްބަރ 2024 ގައި ވަނީ ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާއަށްވުރެ މަދުން ފައިސާ ދައްކަން ހުރި ފަރާތްތައް އެ މަހުގެ 16 ގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރަން އަންގައިފައެވެ. އެގޮތަށް އަމަލުނުކުރާ ކުންފުނިތަކުގެ ނަންތައް އާންމުކުރާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުގެ މަތިން 25 ޖުލައި 2024 ގައި ހޯމްލޭންޑް މިނިސްޓްރީން ވަނީ އެ މުއްދަތުގައި ފީތަކާއި ޖޫރިމަނާ ދައްކާފައިނުވާ ކުންފުނިތަކުގެ ނަންތައް އާންމުކޮށްފައެވެ. އަދި ވަނީ އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.
މާޖިދު ވިދާޅުވީ އެ ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ އޮކްޓޫބަރުގައި ކަމަށެވެ. އެ މުއްދަތުގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އެކްސްޕެޓް ޕޯޓަލްގެ އެކައުންޓު ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި 139،000 މަސައްކަތު މީހުންނަށް ހުއްދަ ދޫކޮށްފައިވިޔަސް ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ވަނީ 38،000 ބިދޭސީން ގާނޫނުގެ ތެރެއަށް ފައްތައިފައެވެ.
މުހައްމަދު އިޝާން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
އޮބިއެޅީމާ ތިލިބުނީ. އެކަމަކު ސަރުކަރުން ލިބެންޖެހޭ ރިފަންޱް ހޯދަން ކުރެވެނެ އެއްވެސް ކަމެއް ނެތް.
ފާއިޒު - 1 އަހަރު ކުރިން