މޯލްޑިވްސް ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފިއެވެ.

އަށް އަހަރު ފަހުން ތެލަސީމިއާ ސެންޓަރަށް ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަގުތީގޮތުން ޑިރެކްޓާ ޖެނެރަލްގެ މަގާމަ އަހުމަދު މައުސޫމް އައްޔަންކޮށްފައެވެ. ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފައި މިވަނީ މައުސޫމްއަކީ އެހެން އިދާރާއެއްގައި މަސައްކަތްކުރައްވަމުންގެންދެވި ޑިރެކްޓާ ޖެނެރަލަކަށް ވާތީއެވެ.

ސީއެސްސީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ މަގާމުގެ މުސާރައަކީ 21،884 ރުފިޔާ ކަމަށެވެ. އެލެވަންސްގެ ގޮތުގައި މަހަކު 12،534 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 339 ރުފިޔާ ލިބޭނެ ކަމަށް ސީއެސްސީން ބުންޏެވެ.

އޭގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް ސީއެސްސީން ބުންޏެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ 14:00 އަށް ހަމަވާނެ ކަމަށާއި ވަޒީފާއަށް ކުރިމަތިލާންވާނީ [email protected] މެދުވެރިކޮށް ކަމަށް ސީއެސްސީން ބުންޏެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގެ ޑިރެކްޓާގެ މަގާމަށް ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް
  4. ސިވިލް ސާވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުސަން ހުސައިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.

ތެލެސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދީންގެ ބެލެނިވެރިން ވަނީ އެ ސެންޓަރު ދޮށުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިހުތިޖާޖުކޮށް އެ ސެންޓަރުގެ ވެރީންގެ އިސްތިއުފާއަށް ގޮވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް މިދިޔަ މަހުގެ 23 ދުވަހު ވަޑައިގެން، ވަގުތުން ވަގުތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އަންގަވައިފައެވެ.

  1. އެމްބީއެސް އިން ހިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރުން
  2. އެމްބީއެސްއަށް ޑިރެކްޓާ ޖެނެރަލެއް ވަގުތީގޮތުން ހަމަޖެއްސުން
  3. ހިދުމަތް ރަނގަޅުކުރުމަށް އިންޓާނަލް މެނޭޖްމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  4. މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ހަލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
  5. ޕޭޝަންޓުންނަށް ހިދުމަތްދިނުމަށް ޑޮކްޓަރުން ހަމަޖެއްސުން
  6. އެމްބީއެސްގެ ބިލްޑިން ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް އަވަސްކުރުން. މި މަސައްކަތް މިހާރު ވަނީ ސިފްކޯއާ ހަވާލުކޮށްފައި