މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)ގެ ބޯޑަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެމްޓީސީސީގެ ބޯޑަށް މިއަދު އައްޔަނުކުރައްވާފައިވަނީ، ހުޅުމާލެ، ހިޔާ, 8-01-04 ޔާސީން ހުސައިނެވެ.

ޔާސީނަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓެވެ.

އެމްޓީސީސީގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ސަރުކާރުން އައްޔަނުކުރާ ފަސް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ދެ މެންބަރުންނެވެ.

އެމްޓީސީސީގެ ބޯޑުން މެންބަރެއްގެ މަގާމު ހުސްވީ، އެ ބޯޑުގައި ކުރިން ހުންނެވި، ސިނާން އަލީ، އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އައްޔަނުކުރެއްވުމުންނެވެ.

އެމްޓީސީސީގެ ބޯޑުގައި މިހާރު ތިއްބަނީ ޗެއާމަން މުހައްމަދު އަފީފް ހުސައިންއާއި މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ނޮން އެގްޒެކެޓިވް ޑިރެކްޓަރު އަލީ ނާއިލާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކޮށްފައިވާ ނޮން އެކްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދުގެ އިތުރުން ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނެވެ.