ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގުން މިއަހަރު ވެސް ސޮއިކޮށްފިއެވެ.
ދިރާގުން ވަނީ 2023 އިން 2024 ވަނަ އަހަރަށް ވެސް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
ދިރާގުން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. 2023 ވަނަ އަހަރު، އެ އެސޯސިއޭޝަނުން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު، އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފައެވެ. އަދި ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅުންހުރި އެންމެހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
އެ ޕާޓްނާޝިޕާ ގުޅޭގޮތުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނާޝިޕް ދަމަހައްޓައި، ކުރިއަށްއޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެންދިއުން" މިރްޝާން ވިދާޅުވިއެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވިދާޅުވީ ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ހާއްސަކޮށް ސްކޭޓިން ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަދި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މި ކުޅިވަރު ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު މި އޮތް ޕާޓްނާޝިޕް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހާސިލުކުރުން،" ހާނިމް ވިދާޅުވިއެވެ.
ދިރާގަކީ، ރާއްޖޭގައި ސްކޭޓިން ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު