(31 މާޗުގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، شيـمـــاء އަށް ކަމޭހިއްތަވައި ދޫކޮށްލެއްވިތަން ފެނުމުން ســعـــد ވަންހައިގެ ވަފުދެއް އިތުރު ސާހިބާގެ އަރިހަށް އަތުވެއްޖެއެވެ. އެބައިމީހުން ދެންނެވިއެވެ. "މާތް اللّــــه ގެ ރަސޫލާއެވެ! ހައްޔަރުވެފައި މިތިބަ މީހުންގެ ތެރޭގައި ކަލޭގެފާނު އުރުވަޑުވައި ފަރީއްކޮޅު އަރުވައިހެދި މީހުން ހިމެނެއެވެ. ކަލޭގެފާނުގެ ކިރުމައިކަނބަލުންގެ ނިސްބަތުން ކަލޭގެފާނުގެ ބޮޑުދައިތާފުޅުން އެބަތިއްބެވިއެވެ. އަޅުގަނޑުމެން މިއައީ އެބައިމީހުންނަށް ހެޔޮފުޅުކޮށް ހިއްތެވުން އެދިގެންނެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މާބޮޑަށް ލަސްކޮށްފީމުއެވެ. އެކަމަކު އަހުރެންނަށް ލިބިފައިވާ މީހުންނާއި عــبـــدالمطّــلــب އަށް ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލައްވައިފީމެވެ. ޞަޙާބީންނަށް އެއަޑުފުޅު އިވިވަޑައިގެންނެވުމުން އެބޭކަލުންވެސް އަސީރުންގެ ގޮތުގައި ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލެއްވިއެވެ. އެގޮތުން އެތަކެއްހާސް އަސީރުން ވަނީ ފިދުޔައަކާ ނުލައި މިނިވަންވެފައެވެ. މައްކާގެ ބޮޑުންކުރެ ســعـــد ވަންހައިގެ ތެރޭގައި ތަރުބިޔަތުވި ހުރިހައި އެންމެންގެ ފަރާތުންވެސް އެ ވަންހަޔަށް ނުލިބޭފަދަ ހެވާއި މަންފާވަނީ ســيّـــدة آمـــنـــــة ގެ ޔަތީމު ދަރިކަލުންގެ ފަރާތްޕުޅުން އެ ވަންހަޔަށް ލިބިފައެވެ.
ބަޔެއް ރިވާޔަތްތަކުގައިވާގޮތުން حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވީ ޙުނައިނު ހަނގުރާމަޔަށްފަހުގައެވެ. ނަމަވެސް ބަޔެއް ރިވާޔަތްތަކުގައިވާގޮތުން މައްކާ ފަތަޙަކުރެއްވިއިރު حــلـيـمـــة ގެފާނު އަވަހާރަވެއްޖެއެވެ. حــلـيـمـــة ގެފާނަކީ މީހުން ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ އިތުރު ސާހިބާ ދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. ރިވާޔަތްތަކުގައިވާގޮތުން حــلـيـمـــة ގެފާނު އެއްފަހަރަކު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވުމުން އިތުރު ސާހިބާ "އަހުރެންގެ މަންމާއެވެ." ޙަދީޘްކުރައްވަމުން ތެދުވެވަޑައިގެން އެމާތް ސާހިބާގެ ރިދާކޮޅު ފަތުރުއްވައިފައި އޭގެމަތީގައި އެކަމަނާ ބެއިންދެވިއެވެ. އެކަމަށްޓަކައި أبـــوبــكـــر ގެފާނާއި عــمـــــر ގެފާނާ ދެބޭކަލުންގެ ޚަލީފާކަމުގައިވެސް حــلـيـمـــة ގެފާނު އެ ދެބޭކަލުންގެ އަރިހަށް ވަޑައިގެންނެވުމުން އެ ދެބޭކަލުންވެސް އެ ދެބޭކަލުންގެ ރިދާކޮޅު އެކަމަނާއަށްޓަކައި ފަތުރައިލެއްވިއެވެ. މި ރިވާޔަތްތަކަކީ ޞައްޙަ ރިވާޔަތްތަކެއް ކަމުގައިވާނަމަ عــمـــــر ގެފާނުގެ ޚަލީފާކަމުގައި حــلـيـمـــة ގެފާނު ދުނިޔޭގައި އިންނެވިއެވެ. ކޮންމެއަކަސް حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން އިސްލާމްވެވަޑައިގެންނެވިކަމީ އިތުބާރުހުރި ލިޔުންތަކުން ސާބިތުވާ ކަމެކެވެ. ވަރަށްގިނަ ދަންނަބޭކަލުން ވަނީ حــلـيـمـــة ގެފާނާއި އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުން ޞަޙާބީންގެ ތެރޭގައި ހިމަނުއްވައިފައެވެ. މަދީނާގެ ޖަންނަތުލްބަޤީޢާއި އުޙުދު ހަނގުރާމަ ހިނގި ތަނާއި، ޚަންދަޤު ހަނގުރާމަ ހިނގި ތާނގައި ސަރުކާރުން ގައިޑުން ބައިތިއްބައިފައެއް ނުތިބެއެވެ. ނަމަވެސް އަމިއްލަގޮތުން މީހުންނަށް މަޢުލޫމާތުދޭ މުޢައްލިމުން ތިބެއެވެ. އެއްފަހަރަކު އަޅުގަނޑާ ބަޤީޢުން ދިމާވި މުޢައްލިމެއް މިއީ حــلـيـمـــة ގެފާނުގެ މަހާނަފުޅޭ ކިޔައިފައި އަޅުގަނޑަށް ތަނެއް ދެއްކިއެވެ. (واللّــــه أعـــلــــم)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضــــى اللّــــه عـنــهــــا އާ ކާވެނިބައްލަވައިގެންނެވިފަހުން حــلـيـمـــة ގެފާނު އެއްފަހަރަކު މައްކާއަށް ވަޑައިގެންނެވިކަން އެނގެއެވެ. އެކަމަނާ ވަޑައިގެންނެވީ ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ނަޢަމުސޫފިތައް ބަނޑަށް މަރުވުމުގެ ސަބަބުންނެވެ. ކައުސާހިބާ އެކަމަނާއަށް ސާޅީސް ބަކަރިއާއި ޅަފުރައިގެ ހައެއްކަ ޖަމަލާއި ސާމާނު އަރުވައި ބަރުކޮށްފައިވާ ޖަމަލަކާ ދެއްވިއެވެ.
حــلـيـمـــة ގެފާނުގެ އިތުރަށްވެސް ســعـــد ވަންހައިގެ ދެބޭކަނބަލަކު ކޮންމެ ބޭކަނބަލަކުވެސް ކައުސާހިބާއަށް އެއްފަހަރު ކިރުފޮދު އެރުއްވިކަމަށް ރިވާޔަތްތައް ހުރެއެވެ. ހަމައެފަދައިން އިތުރު ސާހިބާގެ އާޔާ أمّ أيـمـــن (بــــركــة الحـبشــيّــة) رضــــى الـلّــه عــنـــهـــا ވެސް އެއްފަހަރު ކިރުފޮދު އެރުއްވިކަމުގައިވެއެވެ. މޭފުޅު އިރުއްވުން
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ބަނީސަޢުދުގެ އަވަށުގައި އުޅުއްވިއިރުގެ ވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލާންޖެހޭ އެއް ހާދިސާއަކީ އެމާތް ސާހިބާގެ މޭފުޅު އިރުއްވުމުގެ ހާދިސާއެވެ. އިތުރު ސާހިބާ ކުދީންނާއެކު ބޭރަށް ނުކުމެވަޑައިގެން ކުޅުއްވައި އުޅުއްވާވަރަށް ބޮޑުފުޅުވީފަހުން އެއްދުވަހަކު حــلـيـمـــة ގެފާނާ ސުވާލުކުރެއްވިއެވެ. "މަންމާއެވެ! އަޅުގަނޑުގެ އަޚުން ދުވާލު އުޅުއްވަނީ ކޮންތަނަކުތޯއެވެ." حــلـيـمـــة ގެފާނު ޖަވާބުދެއްވިއެވެ. "މަދަރިކަލުންނޭވެ! ދުވާލު އެކުދީން ދަނީ އަޅުގަނޑުމެންގެ ސޫފިތައް ހުއިހައްޕާށެވެ." އިތުރު ސާހިބާ ވިދާޅުވިއެވެ. "އަހުރެންވެސް އެކުދީންނާއެކު ފޮނުއްވައި ބައްލަވާށެވެ." حــلـيـمـــة ގެފާނު އެކަމަށް ހުއްދަ ދެއްވުމުން އިތުރު ސާހިބާވެސް حــلـيـمـــة ގެފާނުގެ ބޭފުޅުންނާއެކު ބަކަރިތަކަށް ހުއިކާންދެއްވަން ހެނދުނު ފަތިހާ ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެނބުރި ގެއަށް ވަޑައިގަންނަވަނީ ހަވީރުއެވެ. އިތުރު ސާހިބާ حــلـيـمـــة ގެފާނުގެ ބޭފުޅުންނާއި އަވަށުގެ އެހެން ކުދީންނާއެކު ބަކަރި ހުއިހައްޕަވަން ނުކުމެވަޑައިގެން އުޅުއްވަމުން ގެންދެވީ ވަރަށް އުފާފުޅުންނެވެ.
އެގޮތުގައި އުޅުއްވަނިކޮށް حــلـيـمـــة ގެފާނުގެ ފިރިހެންބޭފުޅަކު އެއްދުވަހަކު މެންދުރެއްހައިއިރު ކީރިތިކުރައްވަމުން ދުވެވަޑައިގެންފައި ގެއަށް ވަޑައިގެންފިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. "އޭ މަންމާއެވެ! އޭ ބައްޕާއެވެ! އަޅުގަނޑުމެންގެ ޤުރައިޝްވަންހައިގެ އަޚާ އަވަހަށް ސަލާމަތްކޮށްދެއްވާށެވެ. އަޅުގަނޑުމެން ކުޅޭން އުޅެނިކޮށް އައި ތިންމީހަކު މިހިރީ މިހިރީއޭ ކިޔައިފައި އަޅުގަނޑުމެންގެ މެދުން ކޮއްކޯފުޅު ޖަހައިގަނެގެން ގެންގޮސް އެއޮއްފެންނަ ފަރުބަދަގަނޑުގެ މައްޗަށް އަރުވައިގެން އެތިބަ ބަނޑުފުޅު ފަޅަނީއެވެ." حــلـيـمـــة ގެފާނު ވިދާޅުވިއެވެ. އަހަންނާއި އަހުރެންގެ ފިރިކަލުން الحـــــارث އާ ހަމައެވަގުތު އެދިމާޔަށް ދުއްވައިގެންފީމުއެވެ. އަވަށުގެ އެންމެންވެސް އެމީހަކު ކުރާންހުރި ކަމެއް ދޫކޮށްލައިފައި އެދިމާޔަށް ދުވެފައި އާދެއެވެ. އަހަރެމެންނަށް އެހިސާބަށް ދެވުނުއިރު އެދަރިކަލުން ހުންނެވީ ފަރުބަދަމަތީގައި މަތިބަލަހައްޓަވައިގެންނެވެ. އަހުރެން އަވަސްއަވަހަށް އެދަރިކަލުން އުރުތެރެޔަށް ލައިފައި ދެބުމަފުޅު ދެމެދުގައި ބޮސްދީފައި ދަންނަވައިފީމެވެ. މަންމަގެ ޖާނާއި މާލު ދަރިކަލުންނަށްޓަކައި ޤުރުބާނެވެ. ދަރިކަލުންނަށްވީ ކީއްތޯއެވެ؟"
އެދަރިކަލުން ޖަވާބުދެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަޚުންގެ ތެރޭގައި ހުންނަވަނިކޮށް އައި ތިންމީހަކު ތިމަންކަލޭގެފާނާ ދިމާޔަށް ބުނެލައިފޫއެވެ. މިހުންނެވީއެވެ. މިހުންނެވީއެވެ. އަނެކަކު ބުނެފިއެވެ. އާނ އާނ ތިޔައީއެވެ. ދެންހުރި މީހާ ބުނެފިއެވެ. އަވަސްކުރަމާ ހިނގާށެވެ. ދެން އެތިންމީހުން ތިމަންކަލޭގެފާނު ނަގައިގަނެގެން އުޑަކު ނުޖެހި ބިމަކު ނުޖެހި މި ފަރުބަދަމައްޗަށް ގެނެސްފޫއެވެ. އެ ތިންމީހުންކުރެ އެކެއްގެ އަތުގައިހުރީ ރިހީގެ ކުރައެކެވެ. އަނެކެއްގެ އަތުގައި ނޫކުލައިގެ ޒުމައްރަދުން ހަދައިފައިހުރި ކޯދޮންނަ ލޯގަނޑެއް ހުއްޓެވެ. އޭގައިހުރީ ގަނޑުފެނެވެ. އެބައިމީހުން އަހުރެން އުޑުތިލަމަތީން ބާއްވައިފައި އަހުރެންގެ ފޫޅުންތިރިޔާ ހަމަޔަށް މޭމަތި ފަޅައިލައިފިއެވެ. އަހުރެން އޮތީ ބަލަހައްޓައިގެންނެވެ. އެއްވެސްކަހަލަ ތަދެއް އިޙުސާސެއް ނުވެއެވެ. ދެން އޭގެތެރެއިން މީހަކު އަހުރެންގެ އެތެރެހަށީގެ ތެރެޔަށް އަތްބާނައިގެން ގުނަވަންތަކެއް ނެރެ ވަރަށް އޯގާވެރިކަމާއެކު ގަނޑުފެނުން ދޮވެފައި ކޮންމެ ގުނަވަނެއްވެސް އެގުނަވަނެއް އޮތްތަނަކު ބާއްވައިފައި ފަޅައިލިތަން ބައްދައިލުމަށްފަހު އެތިބަ ދަނީއެވެ."
حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. ދެން އެދަރިކަލުން ގޮވައިގެން އަހަރެމެން އައީ ގެޔަށެވެ. ގެއަށް އައި މަގުމަތީގައި އަހަރެމެންގެ ވަންހައިގެ ބަޔެއް މީހުން ބުނެއުޅުނެވެ. ތިޔަ ދަރިކަލުން ކަހީނަކަށް ދައްކާންވީއެވެ. އެކަލޭގެފާނަށް އެހުންނެވީ އެސްފީނާ ޖެހިވަޑައިގެންފައެވެ. އެހެންނޫނީ ޖިންނިޔެއް އަވަލައިފައެވެ. އެދަރިކަލުން ޖަވާބުދެއްވައެވެ. އަހުރެންގެ ހަށިގަނޑު މިހިރީ ސަލާމަތުންނެވެ. ހިތް މިއޮތީ އެންމެ ރަނގަޅަށެވެ. އެކަމަކު އެންމެފަހުން އަހަރެމެންނަށް އެއްބަސްވެވުނީ އެދަރިކަލުން ކޮންމެވެސް ކަހީނަކަށް ދައްކައިލާށެވެ. ދުވަސްވަރަކީ ޢުކާޒުގެ ބާޒާރު އޮންނަ ދުވަސްވަރެވެ. އަހަރެމެން އެދަރިކަލުން ގޮވައިގެން ޢުކާޒުގެ ބާޒާރަށް ހިނގައްޖައީމުއެވެ. އެދަރިކަލުން ކަހީނަކަށް ދެއްކުމުން އެކަލޭގެ އެދަރިކަލުންނާ ވާހަކަދައްކައިގެން އެ ހާދިސާގެ މަޢުލޫމާތު ހޯދިއެވެ. އެއަށްފަހު ހަޅޭއްލަވައިގެންފައި ބުންޏެވެ. "އޭ ޢަރަބީންގެ އެންމެންނޭވެ! ހަމަކަށަވަރުން ވަރަށްބޮޑު ނުބައިކަމަކާއި ވަރަށްބޮޑު މުސީބަތެއް ތިޔަބައިމީހުންނަށް ޖެހެން ކައިރިވެއްޖެއެވެ. ތިޔަބައިމީހުން މިހިރަ ކުޑަކުއްޖާ ޤަތުލުކޮށްލާށެވެ. އޭނާއާއެކު އަހުރެންވެސް ޤަތުލުކޮށްލާށެވެ. މިކުއްޖާ ސަލާމަތުންހުރެ ބޮޑުވެއްޖެނަމަ އޭނާ ތިޔަބައިމީހުން އެންމެންނަކީ މޮޔައިންކަމުގައި ހަދާނެއެވެ. ތިޔަބައިމީހުން ނުދަންނަ އައު ދީނަކަށް ވަންނަން ގޮވައިލާނެއެވެ."
އެހިނދު އަހުރެން އެކަލޭގެ އަތުން އެދަރިކަލުން ފިރުކައިގެންފައި ބުނެފީމެވެ. ކަލޭގެހުރި ނުބައިކަމާއެވެ. ކަލޭގެއަށް ޖެހިފައި ތިޔަހުރި ގިލަންވެރިކަން މާބޮޑެވެ. ކަލޭގެ އަމިއްލަ ނަފްސު ޤަތުލުކުރާނެ މީހަކު ކަލޭގެ ހޯދާށެވެ. އަހަރެމެން މިމާތް ދަރިކަލުން ޤަތުލުކުރާނެ ބަޔަކު ކަމުގައެއް ނުވަމުއެވެ. ކޮންމެއަކަސް މިހުރިހައިކަމެއް ހިނގުމުން އަހުރެންގެ ފިރިކަލުން ވިދާޅުވެއްޖެއެވެ. "އަހަންނަށް ފެންނަނީ މިދަރިކަލުން މިދަރިކަލުންގެ މަންމާފުޅުގެ އަރިހަށް ގެންދާށެވެ. ހުރިހައިވެސް ކަމަކީ މީހުންގެ ޙަސަދައެވެ. ކަމަނާ ތިޔަ އަމާނަތުން ނެއްޓިވަޑައިގަންނަވާށެވެ." (ކީރިތި ރަސޫލާގެ ސީރަތުން ކުޑަކުދީންނަށް - محـمّــد رشـيـد إبــراهيــم)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
ދީން
ދީން
ދީން
ދީން
ކޮމެންޓް