ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މޯލްޓާއަށް މިއަދު ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ހަލީލު މޯލްޓާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް މިނިސްޓަރު އިއާން ބޯގްއާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި މޯލްޓާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށާއި އަދި ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު ހިޔާލު ބަދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޭގެ އިތުރުން މޯލްޓާގެ ބައެއް ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ އާ ފުރުސަތުތަކާ ބެހޭގޮތުން މިނިސްޓަރު ހަލީލު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން އިތުރުކުރުން ފަދަ ދާއިރާތަކާ މެދު މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މޯލްޓާއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ބައިވެރިވަޑައިގަންނަވައެވެ.