މިދުވަސްވަރު އެންމެންވެސް ދައްކަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެމެރިކާގެ ވިޔަފާރިތައް ހިމާޔަތް ކުރެއްވުމުގެ ގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ވާހަކައެވެ. އެމެރިކާއަށް އެކިބާވަތްތަކުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ގައުމުތަކާއި ސަރަހައްދުތަކާ ދެކޮޅަށް އިމްޕޯޓް ޑިއުޓީ ބޮޑުކުރެއްވި ވާހަކައެވެ. ގައުމަކަށް އެހެނިހެން ގައުމުތަކުން އެކްސްޕޯޓްކުރާ ތަކެއްޗަށް ނަގާ ޓެކްސް ނުވަތަ ޑިއުޓީއަށް އާއްމުގޮތެެއްގައި ކިޔަނީ ޓެރިފެވެ. ހަތުރެއް މިތުރެއް ވަކިކުރުމެއްނެތި ޓްރަމްޕުގެ ސަރުކާރުން މިހާރުވަނީ އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކޮށްފައެވެ. މިކަންކުރިއިރު އެމެރިކާއަށް ދުވަހަކުވެސް އެއްޗެއް އެކްސްޕޯޓް ނުކުރާ، އަދި އެތަނެއްގައި އިންސާނުންވެސް ދިރިނޫޅޭ ސަރަހައްދުތައް ޓްރަމްޕުގެ ޓެރިފް ލިސްޓުގައި ވަނީ ހިމަނައިފައެވެ. އެހެންކަމާއެކު މިކަން މިހާރުވަނީ ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި ބޮޑުވެގެންވާ ޖޯކަކަށް ވެފައެވެ.

ޓެރިފް ބޮޑުކުރުމަކީ އާއްމުގޮތެއްގައި ވިޔަފާރީގެ ދާއިރާގައި ދަތިކުރުމަށް އަޅާ ފިޔަވަޅެކެވެ. އެކަންކުރަނީ ވަކި ގައުމަކުން އަނެއް ގައުމަކަށް އެކްސްޕޯޓްކުރާ ތަކެތި ގިނަވެ ދެފަރާތުގެ ވިޔަފާރީގެ ތިލަފަތް ވަކިކޮޅަކަށް މާބޮޑަށް ބަރުވުމުން އެކަން ހައްލު ކުރުމަށް މަޝްވަރާތަކެއް ކުރެވި އެ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވިއްޖެނަމައެވެ. މިއީ ދެގައުމެއްގެ ދޭތެރޭގައި ނުވަތަ ގައުމުތަކެއްގެ މެދުގައި ހިގާ ކަމެކެވެ. އަރައިރުމެކެވެ. އެކަމަކު މިފަހަރު ޓްރަމްޕުގެ ޓެރިފް ހަގުރާމަ ވަރަށް ތަފާތެވެ. އެހެނީ އޭނާގެ ލިސްޓުގައި އިންސާނުން ދިރިނޫޅޭ ޖަޒީރާތަކެއްވެސް ވަނީ ހިމަނައިފައެވެ. މީގެ މިސާލަކީ އިންޑިޔާ ކަނޑުގެ އެންމެ ދެކުނުން އެންޓާޓިކާގެ އައްސޭރީގައިވާ ކުޑަކުޑަ ދެ ޖަޒީރާއެކެވެ. ހާޑް އައިލެންޑާއި މެކްޑޮނަލްޑް އައިލެންޑެވެ. އެތަނުގައި ދިރިއުޅެނީ ހަމައެކަނި ދޫނިސޫފާސޫފީގެ ބާވަތްތަކާއި ކަނޑުގެ ދިރުންތަކެވެ. ސީލްތަކާއި ޕެންގުއިންތަކެވެ. މިދެންނެވި ދެ ޖަޒީރާ ހިމެނުނީ ޓްރަމްޕުގެ ސަރުކާރުން ދިހަ ޕަސަންޓް ޓެކްސް ނަގަން ހަމަޖެއްސި ތަންތަނުގެ ތެރޭގައެވެ.

ދުނިޔޭގައި ވަކި ގައުމަކަށް ނިސްބަތްނުވާ ޖަޒީރާއެއް ނުވަތަ ޖަޒީރާތަކެއްވޭ ހެއްޔެވެ. ޖަވާބުގައި ދަންނަވަން ޖެހެނީ އާނއެކޭއެވެ. މިސާލަކީ އެންޓާޓިކާއެވެ. އެއީ ކޮންޓިނެންޓެކެވެ. ގަނޑުފެނުގެ ބައްރެކެވެ. އެބައްރު ވަކި ގައުމެއްގެ މިލްކެއް ކަމުގައި ނުވެއެވެ. އެތަން ބަލަހައްޓަނީ ދުނިޔޭގެ 54 ގައުމެއްގެ މެދުގައި ވެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުންނެވެ. އެންޓާޓިކާގެ ކައިރީގައިވާ ޖަޒީރާތައް މުޅިން ތަފާތެވެ. އެއިން ކޮންމެ ޖަޒީރާއަކީ ކޮންމެވެސް ގައުމަކަށް ނިސްބަތްވާ ޖަޒީރާއެކެވެ. މަތީގައި ބަޔާން ކުރެވުނު ދެ ޖަޒީރާ ކަމަށްވާ މެކްޑޮނަލްޑް އައިލެންޑާއި ހާޑް އައިލެންޑް ނިސްބަތްވަނީ އޮސްޓްރޭލިޔާއަށެވެ. އެކަމަކު އެއިން ޖަޒީރާއެއްގައި އިންސާނުން ދިރިއެއް ނޫޅެއެވެ. ދިރާސާތަކެއް ކުރުމަށް ސައިންޓިސްޓުން ކުރާ ޒިޔާރަތެއް ފިޔަވައި އެއިން ތަނެއްގައި އިންސާނުންގެ އެއްވެސް ހަރަކާތެެއް ނުހިނގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޓްރަމްޕުގެ ޓެރިފް ލިސްޓުގައި އެ ދެ ޖަޒީރާ ހިމެނުނީ ކީއްވެގެން ހެއްޔެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ދެ ޖަޒީރާގައި އިންސާނަކު ފައިވެސް ބީއްސާލައިފައެއް ނުވެއެވެ. އެހެންވީމާ އެތަނުގައި އުފައްދާ މުދަލެއް، އެކްސްޕޯޓްކުރާ މުދަލެއް ނުހުންނާނެތާއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިކަން މިގޮތަށް މެދުވެރިވުމުގެ ސަބަބަކީ ޓެރިފް ލިސްޓެއް އެމެރިކާއިން ތައްޔާރުކުރިއިރު ބަލަންވާވަރަށް ނުބަލައި ހަމައެކަނި ގައުމުތަކާއި ސަރަހައްދުތަކުގެ ލިސްޓަކަށް ބަލައިގެން އެތަނުން ދިހަ ޕަސަންޓް މިތަނުން ވިހި ޕަސަންޓް، މިޒާތަކަށް އަވަސް އަރުވައިލައިގެން ލިސްޓެއް އެކުލަވައިލުމެވެ. މެކްޑޮނަލްޑް އައިލެންޑާއި ހާޑް އައިލެންޑުގައި ދިރިއުޅޭ ޕެންގުއިންތައް ރައީސް ޓްރަމްޕު ރުޅިއަރުވައިލީއެއް ނޫނެވެ. އެހެންނޫނަސް ޓްރަމްޕާ ދެކޮޅަށް ޕެންގުއިންތަކަށް ކުރެވޭނެ އެއްކަމެއްވެސް އޮތީކީއެއް ނޫނެވެ. އަނެއް ބައެއްގެ ޚިޔާލު ތަފާތެވެ. އެމީހުން ބުނާގޮތުގައި އެމެރިކާއިން ޓެރިފް ލިސްޓެއް ތައްޔާރުކުރީ އިމްޕޯޓް ވަނަވަރަށް ބަލައިފައެވެ.

އެގޮތަށް ބެލިއިރު މެކްޑޮނަލްޑް އައިލެންޑާއި ހާޑް އައިލެންޑުގެ އުފެއްދުންތަކެއްގެ ގޮތުގައި އެމެރިކާއަށް ކޮންމެވެސް ފަރާތަކުން މުދައު އެކްސްޕޯޓްކޮށްފައިވަނީއެވެ. އޮޅުވާލައިގެންނެވެ. ޓެރިފް ކަނޑައެޅުމުގައި ބައެއްފަހަރު އެއްގައުމަކަށް ތަފާތު އެތައް ގިންތިއެއް ލިބިގެންދެއެވެ. އެހެން އެވަނީ ސަރަހައްދުތައް ބަހައިލުމުގައި އޮންނަ ލާމަރުކަޒީ ނިޒާމަކާއި ވިޔަފާރީގެ މިނިވަންކަމެއްގެ ކުޑަބޮޑުމިނަށް ބަލައިފައެވެ. އެގޮތުން އޮސްޓްރޭލިޔާގެ އެކި ސަރަހައްދުތަކަށް ޓްރަމްޕުގެ ޓެރިފް ލިސްޓުގައި ތަފާތު ދަރަޖަތަކެއް ދެވިފައިވެއެވެ. މެކްޑޮނަލްޑް އައިލެންޑާއި ހާޑް އައިލެންޑްގެ އިތުރަށް ކޮކޯސްއާއި ކްރިސްމަސް އައިލެންޑް ހިމެނުނީ ދިހަ ޕަސަންޓް ގިންތީގައެވެ. ނޯފޯކް ޖަޒީރާ ހިމެނުނީ 29 ޕަސަންޓް ގިންތީގައެވެ. އެއީ ގާތްގަޑަކަށް ދެހާސް މީހުން ދިރިއުޅޭ ތަނެކެވެ. މިހުރިހާ ޖަޒީރާތަކެއްވެސް ނިސްބަތްވަނީ އޮސްޓްރޭލިޔާއަށެވެ. މިތަންތަނުގެ އިތުރަށް އޮސްޓްރޭލިޔާގެ ތަފާތު ސްޓޭޓްތައް އަދި ވަކިން ވަނީ ގިންތި ކުރެވިފައެވެ.

ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. ޓްރަމްޕުގެ ޓެރިފް ލިސްޓަކީ ހަމައެކަނި އޭނާ ނަފުރަތު ކުރައްވާ ގައުމުތަކާ ދެކޮޅަށް ހެއްދެވި ލިސްޓެކެވެ. މުޅިއަކުން އެހެނެއްވެސް ނޫނެވެ. އޮސްޓްރޭލިޔާއަކީ ހަމަގައިމުވެސް އެމެރިކާގެ މިތުރެކެވެ. މި ލިސްޓުގައި އިނގިރޭސިވިލާތާއި އިނގިރޭސިވިލާތުގެ ދަށުގައިވާ ސަރަހައްދުތައްވެސް ހިމެނެއެވެ. މިސާލަކީ ފޯކްލެންޑް ޖަޒީރާތަކާއި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެވެ. ފޯޅަވަހިވެސް އެއޮތީ ލިސްޓުގައި ހިމެނިފައެވެ. ފޯޅަވަހިން އެމެރިކާއަށް އެކްސްޕޯޓްކުރަނީ ކޮންއެއްޗެއް ބާވައެވެ. މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. މީހުންގެ ހަރަކާތް ހިނގަނީ ހަމައެކަނި ޑިއޭގޯ ގާރސިޔާގައެވެ. އެތަނުގައި ތިބެނީ އެމެރިކާ ސިފައިން ކަމަށްވެފައި އެމީހުން އެމެރިކާއަށް އެކްސްޕޯޓްކުރާނެ މުދަލެއް ހުރެދާނެބާވައެވެ. އިއްސާއި ފާނަޔާއި ކަކުނިފަދަ ތަކެތި އެކްސްޕޯޓް ކުރަނީ ބާވައެވެ. ކާށި، ކުރުނބާ، ގަބުޅިފަދަ ތަކެތި އެކްސްޕޯޓް ކުރަނީ ބާވައެވެ. ކޮންމެއަކަސް މި ލިސްޓަކީ ޓްރަމްޕުގެ ސަރުކާރުގެ ހަރުދަނާކަމަށްވުރެ ދޯދިޔާކަން ހާމަވެގެންދާ ލިސްޓަކަށްނޫނީ ނުވެއެވެ.