ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވައި، ޖަޕާނަށް އެކްޕޯސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ވަން"އަށް ވިދާޅުވީ ޖަޕާން ކުންފުންޏަކުން ރާއްޖޭގައި ލޮނު އުފެއްދުމުގެ ޝައުގުވެރިކަން ހުރުމާއެކު އެ މަސައްކަތްކުރުމަށް އެ ކުންފުންޏާ ބިމެއް ހަވާލުކޮށްފައިވާ ކަމަށާއި އެ ފެކްޓަރީ އިއްޔެ ހުޅުވާފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ޝައުގުވެރިކަން ހުރީމަ ކައުންސިލުން ވާނީ އެބޭފުޅުންނަށް ބިމެއް ކުއްޔަށް ދީފައި. އެ ބިމުން ކައުންސިލަށް ކުލި ލިބޭނެ. އަދި ރަށުގައި ވަޒީފާތައް އުފެދިގެންދާނެ ކަމަށް ގަބޫލުކުރެވޭ. ފެކްޓަރީ ހުޅުވުމުގެ ކުރިން ލޮނު ޓެސްޓުކުރުމަށް ޖަޕާނަށް ފޮނުވި. އަދި އެބޭފުޅުންނަށް ފާހަގަކުރެވުނީ ޖަޕާނުގައި ލިބެން ހުންނަ ލޮނަށްވުރެ، ރާއްޖޭގެ ލޮނުގެ ފެންވަރު ރަނގަޅު ކަމަށް،" އޭނާ ވިދާޅުވިއެވެ.

6 އޭޕްރީލް 2025، ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީ ހުޅުވުން -- ފޮޓޯ/ އަބްދުﷲ ރަޝީދު

އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގެ 99 ޕަސަންޓަކީ ކަނޑު ކަމަށްވެފައި، ޖަޕާނުގެ ކުންފުނިން ވެސް ރާއްޖޭގައި ލޮނު އުފެއްދޭނެކަމުގެ ޔަގީންކަން ދިނުމުން އެކަމުގެ މަޝްވަރާތައް ކޮށްފައިވާނެ ކަމަށެވެ. އަދި ލޮނު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް އެ ކުންފުނިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފެކްޓަރީން އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަށް އެކްޕޯޓުކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.