އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް 3740 ކުލާސްރޫމް އޭސީކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ޝަފީއު ދެއްވި ހިތޯބުގައި ވިދާޅުވީ، މި އަހަރުގެ ތެރޭގައި މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖާކޮށް، ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެނެއުމާއި ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށާއި އެއީ "ކޫލް ސްކޫލް" ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިއަހަރު ކީސްޓޭޖު-3 ނިންމައި ދަރިވަރުންނަށް ދޭނެ ކަމަށެވެ.

މީގެ ކުރިން، އެ އެސެސްމަންޓް ދީފައިވަނީ، ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ ދަރިވަރުންނަށެވެ.

މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއާއެކު އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު 77 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.