ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް، އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނާއަށް މަޖިލީހުގެ ރުހުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީިމް އަބުދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދާރީ މޭޒުން އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުއްވި ކަން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއުލާން ކުރެއްވިއެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް، އެ މަގާމުން މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަކިކުރެއްވުމާ ގުޅިގެންނެވެ. ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގައެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި އަނަސްއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އަނަސް ވަނީ، މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާގެ މަގާމު މީގެ ކުރިން އަދާކުރައްވައިފައެވެ.